Last Updated: April 25, 21:20
Thursday, April 25, 2024
ރިޕޯޓް ސިޔާސީ

ކޮމަންޑޫ ދާއިރާ- ހުރިހާ ޕާޓީއަކަށްވެސް "ރަންގޮނޑި"އެއް!

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން--

މުޅި ރާއްޖެ މިވަގުތު ގޮސް ހުއްޓިފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށެވެ. މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަށް މުޅި ރާއްޖޭގެ އަމާޒުގޮސް ހުއްޓެނީ ރާއްޖޭގެ އަދުގެ ސިޔާސީ ވާދަވެރިކަމާއި ސިޔާސީ އޮއިވަރު ހުރިގޮތުންނެވެ. އެންމެ ތިން ޕާޓީން މި އިންތިހާބުގައި ކެނޑިޑޭޓުން ވާދަކުރި ނަމަވެސް, މި އިންތިހާބު މިހާރު ވެފައިވައިމިވަނީ މި ތިން ޕާޓީއަށްވެސް "ރަންގޮނޑި"އަކަށެވެ.

މި އިންތިހާބުގައި ވާދަކުރާ އެމްޑީޕީ, ޕީޕީއެމް އަދި އެމްއެންޕީ އިން ކެނޑިޑޭޓުންނަށް ކުރިމަތިލާ އެތެރޭގެ ޕްރައިމަރީ ބޭއްވުމަށް ހުޅުވާލިނަމަވެސް ތިން ޕާޓީންވެސް މި ގޮނޑިއަށް ކުރިމަތިލާނެ ފަރާތްތައް މާކުރިންވެސް ކަނޑައެޅި ނިމިފައި އޮތްކަހަލައެވެ. ތިން ޕާޓީންވެސް އެ ޕާޓީތަކުގެ ޓިކެޓް ކެނޑިޑޭޓުންނަށް ދޭންޖެހުނީ ޕްރައިމަރީއަކާ ނުލައެވެ.

އެމްޑީޕީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަނީ މުހައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަނީ މޫސާ ފަތުހީ އަދި އަލަށް އުފެއްދި އެމްއެންޕީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަނީ އަބްދުލްހަންނާން އިދުރީސްއެވެ.

"އިންޑިއާ އައުޓް" ކެމްޕޭންގެ ކާމިޔާބީ ވަޒަން ކުރާނީ މި އިންތިހާބު!

އިދިކޮޅު ޕީޕީއެމް ޕީއެންސީން މި ސަރުކާރާ ދެކޮޅަށް ފެށި ސިޔާސީ ޕްރޮޕެގަންޑާތަކުގެ ތެރެއިން "ވައިގާހިފާގޮތް" ވެފައިއޮތީ "އިންޑިއާ އައުޓް" ކެމްޕޭނެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލުން މިނިވަންވެވަޑައިގެންގޮތަށް އެ ކެމްޕޭނެއްގައި އެންމެ ބާރަށް އުޅުންވީވެސް "އިންޑިއާ އައުޓް"ގައެވެ. އަދި ސަރުކާރާއި އެމްޑީޕީން ހަދާނެ ގޮތް ހުސްކޮށްލުމާ ހަމައަށް ގެންދާ ކެމްޕޭނަކީވެސް އެއީއެވެ.

ވީއިރު އެ ކެމްޕޭންގެ ނިވަލުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމަށް ކާމިޔާބު ނުވެއްޖެނަމަ, ސިޔާސީ ވާދަވެރިކަމުގައި ރައްޔިތުންނަށް ވިއްކާނޭ ކޮންމެވެސް އެހެން ވާހަކައެއް އިދިކޮޅަށް ޖެހޭނީ ހޯދަންށެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމަކީ ސިޔާސީ ގޮތުން ޕީޕީއެމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވަރަށް ގިނަ ފަރާތްތަކަކުން ދެކުނެވެ. އެހެންނަމަވެސް އެ ދަނޑިވަޅުގެ ބޭނުންހިފާ, ސިޔާސީ ގޮތުން ޕީޕީއެމަށް ލިބުނު ހިތްވަރަކުން ކުރި މަސައްކަތުގެ ނަތީޖާވެސް ފެންނާން އޮތީ މި އިންތިހާބުގެ ނަތީޖާ އަންނަ ގޮތަކުންނޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. ޕީޕިއެމަށް މި އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ އޭގެ މާނައަކަށް ވާނީ, މިނިވަންވިކަމުގައި ވީނަމަވެސް ޔާމީންގެ ސިޔާސީ ޕޮޕިއުލާރިޓިއަށް އައި ރަނގަޅު ބަދަލެއް ނެތްކަމަށެވެ. ވެރިކަމުގައި ފަސް އަހަރު ނިންމަވާލެއްވިއިރު ޒިޔާރާތް ނުކުރެއްވި ކޮމަންޑޫއަށް ވަޑައިގަތުމަށް ޔާމީނަށް މަޖުބޫރު ކުރުވީ މި އިންތިހާބުން އިދިކޮޅަށްވެސް މޮޅެއް ހޯދުން މި ވަނީ މަޖުބޫރުވެފައެވެ.

ސަރުކާރާ އެމްޑީޕީގެ މުޅި ފޯކަސް ކޮމަންޑޫ ދާއިރާއަށް!

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި އެމްޑީޕީއަށް ނިސްބަތްވި މެމްބަރު ނިޔާވުމާއި ގުޅިގެންނެވެ. މި މަޖިލީހުގައި އެ ގޮނޑިއަކީ އެމްޑީޕީގެ ގޮނޑިއަކަށްވުމުން, މި ބައި އިލެކްޝަންގައި އެ ގޮނޑި ކާމިޔާބު ކުރުން ސަރުކާރާއި އެމްޑީޕީއަށް މި އޮތީ ކޮންމެހެންވެސް މަޖުބޫރުވެފައެވެ. މި އިންތިހާބުގެ ކެމްޕޭން ފެށުމާއެކު, އެމްޑީޕީގެ އެތެރޭގެ ތަޅާފޮޅުންތަކަކީ ނެތް އެއްޗެއް ފަދައެވެ. މުޅި ޕާޓީ އެކައްޗެއްގެ ގޮތުގައި ފެންނަނީ, އެމްޑީޕީގެ ސްޓައިލްގައި އިންތިހާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތެވެ.

ކޯލިޝަންގެ މިސަރުކާރަށް ރައްޔިތުން ވޯޓުދީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް އެމްޑީޕީއަށް ރައްޔިތުން ދިނީ އެތަކެއް އުންމީދުތަކާ އެކުއެވެ. ފޮނި އުންމީދުތަކެއްގައި ރައްޔިތުން އެމްޑީޕީއަށް ވެރިކަމުގެ ބާރާއި ޤާނޫނުހެދުމުގެ ބާރު ދިންއިރު, މިހާރު ކަން ހިނގަމުން އަންނަގޮތުން ރައްޔިތުންގެ ހިތުގައި ސަރުކާރާއި އެމްޑީޕީއާ މެދު ހުރި ޝަކުވާތަކާއި ހިތްހަމަނުޖެހުން އިތުރެވެ. އެހެންނަމަވެސް މި އިންތިހާބާ ކުރިމަތިލާއިރު ސަރުކާރުން ގަބޫލުކުރާ ގޮތުގައި ސަރުކާރަށް މުހިންމު ބޮޑެތި އަދި ރައްޔިތުންނަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއެވެ.

ސަރުކާރުގެ މި ޤަބޫލުކުރުން ތެދުކުރުމަށް މިއިންތިހާބު އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބު ކޮށްދިނުން އެމްޑީޕީއާއި ސަރުކާރަށް ކޮންމެހެންވެސް މިވަނީ މަޖުބޫރުވެފައެވެ. ސަރުކާރުގެ ކޯލިޝަންގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި މިވަގުތު ބެލެން އޮތް ޖުމްހުރީ ޕާޓީގެ ލީޑަރު ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އެމްޑީޕީގެ ކެނޑިޑޭޓަށް ކެމްޕޭން ކޮށްދެއްވައިފިއެވެ. ޤާސިމް އިބްރާހިމް ވިދާޅުވިގޮތަށް މި އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވިއްޖެނަމަ, އެކަން ވާނީ ކޯލިޝަން ވެރިން "ލަދުގަންނަން" ޖެހޭނެ ކަމަކަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ދެ ރައީސުންނާއި ސަރުކާރުގެ އެންމެ އިސް ވަޒީރުންނާއި މަޖިލީހުގައި އެންމެ ނުފޫޒުގަދަ ކަމަށް އަޑުއިވޭ މެމްބަރުން ހުއްޓުމެއްނެތި ކޮމަންޑޫ ދާއިރާގެ އިންތިހާބާ ގުޅޭ ކަންކަމުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމުގައި މަސައްކަތްކުރައްވަމުން ގެންދަވާތަން ފެނެއެވެ. މި އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރުން 'ޑެސްޕަރޭޓް' ވެފައި ހުރި މިންވަރު ފެނިގެންދަނީ ކޮމަންޑޫ ދާއިރާގައި ހިންގަމުން އަންނަ މަޝްރޫއުތަކުންނެވެ. ބައި އިލެކްޝަން ބާއްވަންޖެހޭނެކަން އެނގުނު ހިސާބުން ފެށިގެން މިހާތަނަށް ސަރުކާރުގެ ފޯކަސް ކޮމަންޑޫ ދާއިރާ ނޫން އެހެންތާކަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބަޖެޓުން ބޭރުންވިޔަސް ސަރުކާރުން މިވަގުތު ބޭނުންވަނީ ކޮމަންޑޫ ދާއިރާގެ ކަންކަން ނިންމުމަށެވެ.

މި އިންތިހާބަކީ ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ވިނަމަވެސް, މި އިންތިހާބުން އެމްޑީޕީ ކެނޑިޑޭޓް ބަލި ވެއްޖެނަމަ ބެލެވޭނީ ރައްޔިތުން ސަރުކާރު އަދި އެމްޑީޕީ ބަލައިނުގަތީ ކަމަށެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް އިންތިހާބު ކާމިޔާބު ކޮށްފިނަމަ ސަރުކާރާ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް އިތުރު ބާރެއް ލިބުނީއެވެ. ރައްޔިތުން ސަރުކާރާ އެމްޑީޕީގެ މަސައްކަތްތައް ބަލައިގަންނަ ކަމަށް ބެލެވުމުގެ ފުރުސަތެއް ލިބުނީއެވެ.

ސިޔާސީ އާ ފިކުރަކަށް ރައްޔިތުން ޖާގަ ދީފާނެތަ؟

2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮތީ އެމްޑީޕީގެ ފިކުރާއި އެޕާޓީއާ އިދިކޮޅު ފިކުރެކެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު ހިނގަމުން އަންނަގޮތުން ކަންކަން ނިންމުމުގައި އިތުރު ކުދި ފިކުރުތަކެއް ވައްދަން ނުޖެހޭ ވާހަކައެއް ނޫނެވެ.

މި ފިކުރުތަކުގެ ތެރެއަށް އިތުރު ފިކުރެއް އިތުރުވީ ޖުމްހޫރީ ޕާޓީގެ ތެރެއިން "ތޮށިފަޅާ ނިކުމެ" ކާނަލް ނާޒިމާއި އަބްދުالله ރިޔާޒް އިތުރު ސިޔާސީ ޕާޓީއެއް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި އުފެއްދެމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްއެންޕީން މެމްބަރުން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު, މި ބައި އިލެކްޝަންގައި ބޮޑު ދެ ފިކުރާ ކެރިގެން ކުރިމަތިލާން ނުކުންނަށް ހަމައެކަނި ނެރުނު ތިން ވަނަ ފިކުރަނީ އެމްއެންޕީއެވެ.

އަލަށް އެފެދު ޕާޓީއަކަށްވުމާ, މަސައްކަތް ކުރަމުން އަންނަ ޖޯޝާއި ފޯރީގެ ސަބަބުން މި އިންތިހާބު އެމްއެންޕީއަށް ކާމިޔާބު ވެއްޖެނަމަ, ސިޔާސީ ތިން ވަނަ ފިކުރެއްގެގޮތުގައި އެމްއެންޕީ ބަލައިގަތުމާ ގާތަށް އިތުރު ވިޔަވަޅެއް އެޅުނީއެވެ. މި އިންތިހާބު އެމްއެންޕީއަށް މުހިންމު ވަނީ އެސަބަބާ ހުރެއެވެ. އަދި މިއޮށްހާ ދުވަހު އެ ލީޑަރެއްގެ ފަހަތުގައި ހުންނެވި ބޭފުޅާއަށްވެސް, ދެވޭ ޗެލެންޖަކަށް އެމްއެންޕީއަށް މި އިންތިހާބުވެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ހުރިހާ ޕާޓީއެއްގެ ކެމްޕެއިން ފޯރި އިންތިހާއަށް އިތުރުވެފައިވާއިރު, ހުރިހާ ޕާޓީއަކަށްވެސް އެކި ސަބަބުތަކަށްޓަކައި މި އިންތިހާބު މިވަނީ ނުހަނު މުހިންމުވެފައެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި މިވަގުތު ވެފައިވަނީ ހުރިހާ ޕާޓީއަކަށްވެސް "ރަންގޮނޑި" އަކަށެވެ.