Last Updated: May 18, 00:39
Friday, May 17, 2024
ޚަބަރު ކްރިމިނަލް ކޯޓު

ޑްރަގް އެތެރެކުރި ބްރެޒިލް ދެ މީހުންގެ ބަންދަށް 5 ދުވަސް

ކްރިމިނަލް ކޯޓު --

ވައިގެ މަގުން ރާއްޖެއަށް ގިނަ އަަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް ދެ ރައްޔިތުންގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބްރެޒިލްއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ލުޒިއާ ރިކާޑްލީ ނަމަކަށް ކިޔާ އަންހެނަކާއި އުމުރުން 21 އަހަރުގެ ވެސްލީ އެންމެލް އަލްވެސް ނަމަކަށްކިޔާ ފިރިހެނެކެވެ.

ކޯޓު އަމުރުގައި ބުނެފައިވާގޮތުން މިމީހުން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެތެރެކޮށްފައިވަނީ ކޮކެއިންއެވެ.

މިމައްސަލައިގައި އެ ދެމީހުންގެ ބަންދަށް، ކްރިމިނަލް ކޯޓުން އިއްޔަ ފަސް ދުވަސް ޖަހާފައިވަނީ އެ ދެމީހުންވެސް ވަކީލާ އެކު ބަންދު އަޑުއެހުން ކުރިއަށް ގެންދިއުމަށް ބޭނުންވާކަމަށް ބުނެފައިވާތީއެވެ.

މިމައްސަލައިގައި ކަސްޓަމްސްއިން ބުނެފައިވަނީ ފިރިހެން މީހާގެ ލަގެޖުން 1.760 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ. އަދި އަންހެން މިހާގެ ލަގެޖުން 2.503 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ.

ޖުމުލަ 4.263 ކިލޯގްރާމްގެ މަސްތުވާތަކެތި މި ދެމީހުންގެ އަތުން އަތުލައިގެންފައިވާއިރު އެތަކެތީގެ މަގުމަތީއަގު 21،315،000.00 ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.