Last Updated: May 21, 06:06
Tuesday, May 21, 2024
ޚަބަރު ކްރިމިނަލް ކޯޓު

މިދިޔަ އަހަރުގެ އަޑުއެހުންތަކުން 49 ޕަސެންޓް ކެންސަލް

މިދިޔަ އަހަރު ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުންތަކުގެ ތެރެއިން 49 އިންސައްތަ އަޑުއެހުން ކެންސަލްވެފައިވާކަން އެ ކޯޓުގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ކްރިމިނަލް ކޯޓުގެ 2021 ވަަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރު ފެށުނު އިރު އެ ކޯޓުގައި ނުނިމި 1732 މައްސަލަ އޮތެވެ. މިދިޔަ އަހަރު އެކޯޓަށް 773 މައްސަލަ ހުށަހެޅުނުއިރު 701 މައްސަލަ މިދިޔަ އަހަރު ނިންމާފައިވެއެވެ. އަދި އަހަރު ނިމުނު އިރު ކްރިމިނަލް ކޯޓުަގައި ނުނިމި އޮތީ 1،804 މައްސަލަ އެވެ.

ދެހާސް އެކާވީސް ނިމުނު އަހަރު ކްރިމިނަލް ކޯޓުގައި 9،973 އަޑުއެހުން ތާވަލުކުރިއިރު، އޭގެތެރެއިން 49 އިންސައްތަ އަޑުއެހުން، 4،852 އަޑުއެހުން، ކެންސަލްކޮށްފައިވެ އެވެ. އަދި 5،121 އަޑުއެހުން ބާއްވާފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި ޖުމުލަ 1،529 ތަފާތު ކޯޓު އަމުރުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވެއެވެ. އަދި އެކޯޓުގައި އެދުނު އަމުރުތަކުގެ ތެރެއިން ދޫނުކުރަނީ 103 އަމުރެވެ. މީގެ ތެރެއިން އެންމެ ގިނައިން އެދިފައި ވަނީ ބަލާ ފާސްކުރުމުގެ އަމުރަށެވެ. ބަލައި ފާސްކުރުމުގެ 405 އަމުރަށް އެދުނުއިރު ހައްޔަރު ކުރުމުގެ 399 އަމުރަށް އަދި ޕާސްޕޯޓް ހިފެހެއްޓުމުގެ 112 އަމުރަކަށް އެދިފައިވެ އެވެ.