Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު ރައީސް ޔާމީން

ޣައްދާރުން ލާނެ "ބޮޑު ޖަލެއް" އަޅަން ޖެހޭ: ޔާމީން

ޣައްދާރުން ލާނެ "ބޮޑު ޖަލެއް" އަންނަ ވެރިކަމެއްގައި އަޅަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރ. މީދޫގައި އިއްޔަ ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މިވެރިކަން ނިމުމުން "ބޮޑު ޖަލެއް" އަޅަން ޖެހޭނެ ކަމަށާއި، އެ ޖަލު އަޅާނީ މީދޫގައި ކަމަށެވެ.

މިހާރުގެ ވެރިކަމުގައި ތިބި ފަރާތްތަކަކީ ރާއްޖެއަށް އެންމެ މަތީ ދަރަޖައިގައި ޣައްދާރުވެފައިވާ ފަރާތްތަތައްކަމަށް ވިދާޅުވެ ޔާމީން ވަނީ މި ސަރުކާރަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެފައެވެ.

މީގެއިތުރުން ޔާމީން ވިދާޅުވީ އުުތުރުތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ވެސް ހިނގާ ތަނެއް ނޫންކަމަށެވެ. އަދި އެ ތަނަކީ ދިވެހި ދައުލަތުގެ ފައިސާއިން ބިނާ ކުރަމުން އައި ތަނެއް ނަމަވެސް އެތަން ތަރައްގީކުރުމުގެ ނަމުގައި އިންޑިއާ އަސްކަރިއްޔާއާ ހަވާލުކުރީ ފޮރުވިފައިވާ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައިވެސް ކުރިއަށް ގެންދަމުން އަންނައިރު، އެ ހަރަކާތްތަކުގައި ކުރީގެ ރައީސް ޔާމީން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

"އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.