Last Updated: May 12, 11:31
Sunday, May 12, 2024
ރިޕޯޓް އެމްޑީޕީ

އެމްޑީޕީގެ ދެ ފެކްޝަނެއްގެ "ހަނގުރާމައެއް" އަނެއްކާ ވެސް ފެށެނީތަ؟

އެމްޑީޕީ ޕީޖީގެ ބައްދަލުވުމެއްގެ ތެރެއިން

ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައި އޮންނަތާ ދުވަސްތަކެއްވެއްޖެ އެވެ. ދޭތެރެ ދޭތެރެއިން އެކަންތައް ހިލިގަތުމަށްފަހު އަނެއްކާވެސް މަޑުވެދާނެ އެވެ. އެންމެ ފަހުން އެ ޕާޓީގެ ދެ ފެކްޝަނުގެ ކަންތައްގަނޑު ފެނުނީ މިދޔަ އަހަރު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް އިންތިހާބުގެ ތެރޭގަ އެވެެ. އެއަށްފަހު އަނެއްކާވެސް ބޭރުފުށުން އެކު އެކީ އޮތްކަން ދެއްކުމަށްފަހު އެ ޕާޓީގެ ޗެއާޕާސަން އިންތިހާބު ބޯމަތިވުމުން އެކަމުގެ ކޮޅުމަތި އެބަ ފެންނަހެން ހީވެ އެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ އެ ޕާޓީ މެމްބަރަކު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ނަމަ އެ ބޭފުޅެއް ކަމަށް ޕާޓީގެ އަސާސީ ގަވައިދު ބުނެ އެވެ. އެހެން ކަމުން މި ވަގުތު އެ ޕާޓީގެ އެންމެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެން އެ ޕާޓީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސްގެ މަގާމެވެ. އެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީ ތެެރޭގައި ދެ ފެކްޝަނެއް އުފެދެން ދިމާވި ސަބަބަކީ އެ ދެ ބޭފުޅުންވެސް ކުރިއަށް ދައުރުގައިވެސް ރާއްޖޭގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވުމެވެ. އެކަމަށް މަގުފަހިކުރުވާ ހުރިހާ އެތެރޭގެ އިންތިހާބެއްގައި ދެ ފެކްޝަނުގެ އަރާރުންވުން ފެށެނީ އެހެންވެ އެވެ.

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު – ފޮޓޯ: ސަން

ޗެއާޕާސަން ކަމަށް ކުރިމަތިލާން ހުޅުވާލި ހިސާބުން އެންމެ ފުރަތަމަ އެކަމަށް ނިކުންނެވީ އެކަކަކީ ރައީސް ނަޝީދު "ބްރޯ ހެދިގެން އުޅޭ ކަމަށް ސިފަ ކުރައްވާ" އިކްނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އޭނާ އަކީ ސަރުކާރުގެ ނުފޫޒުގަދަ މިނިސްޓަރެއް ކަމަށް މީހުން ގަބޫލުކުރާ ބޭފުޅެކެވެ. އޭގެ ކުރިން އެސްޓޯއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޭނަގެ މާ ބޮޑު ފޯރިއެއް ނުފެނުނެވެ. ފައްޔާޒު ވާދަކުރައްވަން ނިންމެވުމާއެކު ދެން އެ މާގަމަށް ކުރިމަތިލައްވާނެ ކަން އިއުލާންކުރެއްވީ އެ ޕާޓީގެ ސްޕޯކްސް ޕާސަންގެ މަގާމުގައި ހުންނެވި އިމްތިޔާޒް ފަހުމީ އެވެ. ސަރުކާރުން ފޮނުވި ބައެއް ބިލްތަކާމެދު އަމަލުކުރާ ގޮތުން ކަމަށްވިދާޅުވި ރައީސް ސޯލިހަށް މީގެ ކުރިން އިންތިގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މާ ސަރުކާރާ ވެގެން އުޅޭ ތަން އިންތިގެ ފަރާތުން ނުފެނެ އެވެ.

އެކަން އޮއްވާ ފެނުނީ އިންތިގެ ސަޕޯޓަރުންތައް ސޯޝަލްމީޑީޔާގައި ތާއީދުކުރާކަން ހާމަކުރާން ފެށިތަނެެވެ. ރައީސް ނަޝީދުގެ ފެކްޝަނުގެ މެމްބަރުންތައް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ތާއީދުހާމަކުރާ ފެށި އެވެ. އެ ހިސާބުން އަނެއްކާވެސް ދެ ފެކްޝަނުގެ ބޮޑު ހަނގުރާމައެއް ފެށެން އުޅޭކަމުގެ ކުލަވަރު ފެނުނެވެ.

މިހާތަނަށް އިންތިއަށް ތާއީދުކުރާކަން ހާމަކުރި ބޭފުޅުންގެ ތެރޭގައި އިންތިއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައިވާ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ފާހަގަކުރެވެއެވެ. މީގެއިތުރުން މާލެސިޓީ ކުރީގެ މޭޔަރު ސިޔާ މުހައްމަދު ވެސް ވަނީ އިންތިއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ މި ބޭފުންގެ ތެރޭގައި އަދި ތިއްބެވީ ކުރިންވެސް ދެ ފެކްޝަނުގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަނުގައި ތިއްބެވި ބޭފުޅުންނެވެ. އިންތިއަށް ތާއީދުކޮށް ސަރުކާރުގެ ތެރޭގައި އިސް މަގާމު ތިއްބެވި އެއްވެސް ބޭފުޅެއް އަދި ނުފެނެ އެވެ.

ފައްޔާޒުއަށް ތާއީދުކުރާ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި މާ ގިނަ ބޭފުޅުންތަކެއް އަދި ނުފެނުން ނަމަަވެސް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައީސް ސޯލިހްގެ ފެކްޝަނުން ނިކުންނާނީ ފައްޔާޒުއާއެކު ކަމަަށް ގިނަ ބަޔަކު ގަބޫލުކުރެ އެެވެ. އޭޣެ ތެރެއިން މިހާރުވެސް އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު މިހާރުވެސް ވަނީ ކެމްޕެއިން ފައްޓަވާފަ އެވެ.

ފައްޔާޒުއަށް ތާއީދުކުރާ އާއްމު ޕާޓީގެ މެމްބަރުންވެސް އެކަން އެބަ ފާޅުކުރަމުން ގެންދަވަ އެވެ. އޭޣެ ތެރޭގައި ބައެއް ދާއިރާތަކުގެ ނުފޫޒު މެންބަރުން ހިމެނެ އެވެ.

ފައްޔާޒު އަށް ވެސް އަދި އިންތިއަށްވެސް ވޯޓުތައް ބެހިގެންދާނީ ހަމަ އެކަނި އެ ދެ ކެންޑިޑޭޓުންނަށް ދޭ ވޯޓަކަަށް މި ވޯޓު މެމްބަރުންވެސް ވެސް އަދި އިސް ބޭފުޅުންވެސް ނުދެކޭނެތީ އެވެ. އަންނަ އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރަށްވެފައި ޕާޓީގެ މުހިންމު ނިންމުންތަކެއް ކުރިމަތީ އޮތް މި ދަނޑިވަޅު ރައީސް ސޯލިހް ވެސް ރައީސް ނަޝީދުވެސް އެ ބޭފުޅަކަށް އެންމެ ތާއީދުކުރައްވާ ބޭފުޅަކު ޗެއާޕާސަންގެ މަގާމަަށް މުހިންމުވާނެ އެވެ. އެމްޑީޕީ ތެރޭގައި މިއީ "ބޮޑު ހަނގުރާމަ"އަކަށްވާނެ އެވެ.