Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު ރައީސް ނަޝީދު

"ޖޭއެސްސީ އަށް ބާރުފޯރުވަން މަޖިލިސް މެމްބަރަކު މުހިންމު"

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަކިވަރަކަށް ސިޔާސީ ބާރުވެރިކަން ފޯރުވުމަށް މަޖިލީހުގެ މެމްބަރަކު އެ ކޮމިޝަނުގައި އިނުން މުހިންމު ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ ޖޭއެސްސީގައި މިވަގުތު ސިޔާސީ މީހުންނާއި ފަނޑިޔާރުންވެސް ހިމެނޭ ކަމަށެވެ. އަދި ޖޭއެސްސީގައި ސިޔާސީ މީހުންނާއި ފަނޑިޔާރުން ހިމެނެނީ އެއް މިންވަރަކަށް ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

ތޯރިގް ހުށަހެޅުއްވި އިސްލާހަށް އަމާޒުކޮށް ރައީސް ނަޝީދު ވިދާޅުވީ މިއަދު ދެކެނީ ޖޭއެސްސީގައި ފަނޑިޔާރުންނާއި ސިޔާސީ މީހުން ތިބެގެން ނުވާނެ ކަމަށްކަމަށެވެ.

ރައިސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީގައި ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިންނަންޖެހޭކަމަށް ބަޔާންކޮށްފައިވާއިރު އެކަމަކީ އުނިކަމެއްކަމަށް ދެކޭކަމަށެވެ.

"އެހެންނަމަވެސް މަޖިލީހުގެ މެމްބަރުންގެ ތެރެއިން މެމްބަރަކު ޖޭއެސްސީގައި އިނުމަކީ، އެތަނަށް ސިޔާސީ ބާރުވެރިކަން ފޯރަންޖެހޭ މިންވަރަށް ފޯރުމަށް ބޭނުންތެރިކަމެއް."

ސިޔާސީ މީހުންނަކީ ސީދާ ރައްޔިތުން އިންތިހާބުކުރާ ބައެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެއިރެއްގައި ރައްޔިތުންގެ ވިންދު ހުރިގޮތް ތަމްސީލުކުރުމަށް މަޖިލީހުގެ މެމްބަރުން ނޫން ބަޔެއް އަދިވެސް ނެތްކަމަށެވެ.

މީގެއިތުރުން ރައިސް ނަޝީދު ވިދާޅުވީ ޖޭއެސްސީއަކީ ފަނޑިޔާރުންގެ ކަންކަން ބެލުމަށް އޮތްތަނަކަށްވީއިރު، ޖޭއެސްސީގައި ފަނޑިޔާރުން ގިނަވުމަކީ މަސްލަހަތު ފުށުއެރުން އެކަށީގެންވާކަމެއް ކަމަށެވެ. އެހެންކަމުން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ފާހަގަވާކަމަށެވެ.

ބަންޑާރަނައިބާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އިތުރު މެމްބަރަކު ޖޭއެސްސީގައި ތިއްބަވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގައި ބަންޑާރަނައިބު އިނުމުގެ ބޭނުންތެރިކަން ފާހަގަވާކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އިތުރު މެމްބަރެއް ޖޭއެސްސީގައި ހިމެނުމަށް ސަބަބު މެދުވެރިކުރާ އިތުރު ކަމެއް ބަޔާން ކުރަން ދަތިކަމަށްވެސް ރައިސް ނަޝީދު ވިދާޅުވިއެވެ.

"ޖޭއެސްސީން ސިޔާސީ މީހުންނާއި ފަނޑިޔާރުން މަދުކުރުމަށްފަހު އެކޮމިޝަނުގައި އިތުރަށް ހިމަނާނެ ބަޔަކު ކަނޑައަޅާނެ ގޮތްތަކެއް އެބަ ނިންމަންޖެހޭ. އިއްޒަތްތެރި މެމްބަރު [ތޯރިގް] އެބަ ގޮތްތަކެއް ހުށަހަޅުއްވާ. މީހާއަކީ ތެދުވެރިއެކޭ ނުވަތަ ރަނގަޅު މީހަކު ކަމަށް އެކެއްގެވެސް ނިއްކުރީގައި ޖަހާފައެއް ނުވޭ. އަބަދުވެސް މީހަކު ކަނޑައެޅެނީ ރައްޔިތުންގެ ތެރެއިން ރުހުން ލިބޭ މީހުންގެ ތެރެއިން. އެކަންކުރެވެން އޮންނަ އެންމެ ރަނގަޅު ގޮތްކަމަށް ފެންނިފައި އޮތީ ވޯޓު ނެގުން."