Last Updated: May 21, 06:06
Tuesday, May 21, 2024
ޚަބަރު ކްރިމިނަލް ކޯޓު

ނަރުހުގެ މަރު: މޭރީގެ ލޭގައި ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަނެއްގެ އަސަރު

މާވިން އާއި ލަމްހާ

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރި ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ އޮޓޮޕްސީ ހެދިއިރު މޭރީގެ ލެއިން، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަލީމަތު ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަނެއްގެ އަސަރު ފެނިފައިވާކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޖީގެ ވަކީލް ވިދާޅުވީ މޭރީގެ ޓޮކްސޮލޮޖީ ރިޕޯޓް ނިމި، އޭގެ ނަތީޖާ އަނގަބަހުން ލިބިފައިވާކަމަށާއި، މޭރީގެ ލޭގައި ސަކްސިނައިލްކޮލިންގެ އަސަރު ހުރި ކަމަށެވެ. ސަކްސިނައިލްކޮލިންގެ އަކީ ހޭނެއްތުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި، މިމައްސަލައިގައި ލަމްހާގެ ގެ ބަލާފާސްކުރިއިރު މިބާވަތުގެ އިންޖެކްޝަން ފެނިފައިވާކަމަށެވެ.

ލަމްހާގެ ގެއިން ދެންވެސް ފެނިފައިވާ އިންޖެކްޝަން ތަކަކީ މީހަކު މަރާލުމަށް ބޭނުންކުރެވިދާނެ އިންޖެކްޝަންތަކެއް ކަމަށްވެސް ޕީޖީގެ ވަކީލް ވިދާޅުވިއެވެ.

ޕީޖީގެ ވަކީލް ވިދާޅުވީ ހަދާފައިވާ ރާއްޖެއިން ބޭރުން ހަދާފައިވާ މިޓެސްޓް ތަކުގެ ރިޕޯޓް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

ފިލިޕިންސްގެ ނަރުސް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އެނަރުހުގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށެވެ. މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.