Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީ އާންމު މެމްބަރުންނާމެދު ނާއިންސާފު އެބަވޭ: އިންތި

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެެ މަޖިލިސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އާންމު މެމްބަރުންނާމެދު ނާއިންސާފުވާކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބާ ދިމާކޮށް މީހުން ވަޒީފާއިން ވަކިކުރާތީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ހިނގަމުން އަންނަ ކަމެއް ނުހިނގާކަމަށް ހަދައި އަމިއްލަ ނަފުސަށް ދޮގުހެދުން ކަމަށެވެ.

"ނާއިންސާފު އެބަވޭ އަޅުގަނޑުމެންގެ [އެމްޑީޕީގެ] ތެރޭގައި، އަޅުގަނޑުގެ މީހުންނާ މެދުގައި. ފުޅާކޮށް ބޯކޮށް އެބަ ނާއިންސާފުވޭ."

އިންތި ވިދާޅުވީ ވަކިބޭފުޅަކަށް ތާއީދު ނުކުރާނަމަ ބިރުދައްކާ އިންޒާރުދީ ހަދާކަމުގެ ފޯނު ކޯލުތައް ލިބޭކަމަށާއި، އަދި ކުރާ ދަތުރުތަކުގައި ވެސް އެކަން ހާމަވާކަމަށެވެ.

އިންތި ތަމްސީލުކުރައްވާ މާލޭގެ މާފަންނު އުތުރު ދާއިރާއަކީ ކޮންމެ އިންތިހާބެއްގައި އެމްޑީޕީއަށް އެންމެ ބޮޑު ޕަސެންޓަކުން ކާމިޔާބު ހޯދައިދޭ ދާއިރާއެއްކަން ފާހަގަކޮށް އިމްތިޔާޒް ވިދާޅުވީ އެދާއިރާގެ އެންމެ މީހަކަށްވެސް ވަޒީފާއެއް ނުދޭކަމަށާއި، އެއީ ބޮޑުވެގެންވާ ނާއިންސާފެއް ކަމަށެވެ.

މީގެއިތުރުން އިންތި ވިދާޅުވީ މާލެ ސިޓީ ކައުންސިލް އެމްޑީޕީއަށް ގެއްލުމުގައި ސަބަބުތައް އެބަހުރި ކަމަށާއި، އޭގެތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައާއި ހިޔާނާތްތައް ނުބެލުން ހިމެނޭ ކަމަށެވެ.

"ކޮންފަދަ ލަދުވެތިކަމެއްތޯ، ހުރިހާ ބާރެއް ލިބިފައި، ސަރުކާރު ލިބިފައި، މަޖިލިސް ލިބިފައި. ދުވަހަކު ނުލިބޭވަރުގެ ލަނޑެއް އެއޮތީ އަޅުގަނޑުމެންނަށް [އެމްޑީޕީއަށް] ލިބިފައި. ސަބަބުތައް އެބަހުރި."

އިންތި ވިދާޅުވީ ވަޒީފާތަކުގައި ތިބި އެމްޑީޕީގެ މެމްބަރުން ވަކިކުރާ ކަމަށާއި، އެފަދަ އިހުލާސްތެރި ބޭފުޅުން ވަކިކުރަނީ ސިޔާސީ ބޭނުމުގައި އިންތިހާބުތަކާ ގުޅިގެން ވަކިބޭފުޅަކަށް ތާއީދުނުކުރާތީ ކަމަށެވެ. އަދި މި ހުރިހާ ކަމެއް ގުޅިފައިވަނީ ކޮރަޕްޝަނާއި ކަމަށާއި، މިއީ ކޮރަޕްޝަނަށް މަގުފަހި ކުރުމަށް ހޯދާ ޖާގަތައް ކަމަށާއި، އެކަންކަން ކުށްވެރި ކުރާ ކަމަށް އިންތި ވިދާޅުވި އެވެ.