Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު އެމްޑީޕީ

"އިދިކޮޅޭ ބުންޏަސް މިއަށްވުރެ އިހުލާސްތެރި ބަޔަކު ނުލިބޭނެ"

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީއަށް ތާއީދުކުރާ ފަރާތްތަކަކީ "އިދިކޮޅު މީހުން"ކަމަށް ރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ސިފަކުރެއްވުމުން އެކަމަށް މެމްބަރު އީވާ އަބްދުﷲ ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބާ ދިމާކޮށް މީހުން ވަޒީފާއިން ވަކިކުރާތީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މަވޯޓާ ޝަރީފް ވަނީ ކުއްލި މައްސަލަ ހުށަހަޅާފައިވަނީ އިދިކޮޅު މެމްބަރުން ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ތެރެއިން ސަރުކާރު ވައްޓާލަން އުޅޭކަމަށް ތުހުމަތު ކުރެއްވިއެވެ.

ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވާ އީވާ ވިދާޅުވީ، ކުއްލި މައްސަލަ ލައިގެން އުޅޭ މީހުންނަށްވުރެއް އިހުލާސްތެރި ބަޔަކު ނުލިބޭނެ ކަމަށާއި، އެމްޑީޕީ މީހުންނާމެދު ނާއިންސާފުވާނަމަ އެކަމުގައި ވަކާލާތު ކުރާނެ ކަމަށެވެ.

"އިއްޒަތްތެރި މެންބަރު އެހެން ވިދާޅުވާއިރު މިލައިގެން އުޅޭ މެންބަރުންނަކީ، އަދި މި ބަލައިމިގަތީ އެމްޑީޕީ މެންބަރުން. އެމްޑީޕީ މީހުންނާމެދު ބޭއިންސާފުވާން ފެށީމާ އަޅުގަނޑުމެން ވަކާލާތު ކުރާނަން މިތާނގައި." އީވާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހިނގި އަނިޔާވެރިކަމުގައި މަޖިލީހުގައި، އިމްތިޔާޒު ފަހުމީމެން ނުކުމެވަޑައިގެން ހިތްވަރު ނުކުރެއްވިނަމަ މިއަދު މި ސަރުކާރު ނޯންނާނެކަމަށް އީވާ ވިދާޅުވިއެވެ.

"އިމްތިޔާޒު ފަހުމީ ނުކުމެވަޑައިގެން އެ ހިތްވަރު ނުކުރެއްވިނަމަ، މިއަދު ކޮން ސަރުކާރެއްތޯ އޮންނާނީ، އަޅުގަނޑުމެނާ ދިމާލަށް އިދިކޮޅު މީހުންނޭ މެންބަރު ޝަރީފް ވިދާޅުވާއިރު."

އިވާ ވިދާޅުވީ އޭނާއާ އިމްތިޔާޒު ފަހުމީއާ، ހަސަން ލަތީފާ، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދަށްވުރެއް އިހްލާސްތެރި މީހުންނެއް މި ސަރުކާރަކަށް ނުލިބޭނެއެވެ. އަދި އެމްޑީޕީއަށް ވަކާލާތު ކުރުމުގައި މިއަށްވުރެ އިހްލާސްތެރި މީހުން ނުލިބޭނެކަމަށްވެސް ވިދާޅުވިއެެވެ.

މިހާރު އަޑުއިވެނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަކިމީހަކަށް ތާއީދު ނުކުރާ އެމްޑީޕީ މީހުން ވަޒީފާއިން ވަކިކުރާއަޑު ކަމަށާއި، "ކުޅުދުއްފުއްޓަށް ގުޅާލިޔަސް, ފުވައްމުލަކަށް ގުޅާލިޔަސް, އައްޑޫއަށް ގުލާލިޔަސް" އިވެނީ މިވާހަކަ ކަމަށް އީވާ ވިދާޅުވިއެވެ. ވަޒީފާތަކުން މީހުން ވަކިނުކުރެވޭނެކަމަށާއި އެކަމުގެ ސަބަބުންވެސް ގެއްލުންވަނީ އެމްޑީޕީއަށް ކަމަށް އީވާ ވިދާޅުވިއެވެ.