Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު އެމްޑީޕީ

ޗެއާޕާސަން އިންތިހާބު: އިންތި އާއި ފައްޔާޒު އައްޑު އަށް!

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް (ފަޔާ) ކެމްޕެއިނަށް އައްޑޫއަށް މިއަދު ވަޑައިގަންނަވާނެއެވެ.

އިންތި އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހުގެ ވަގުތެއްގައެވެ. ފައްޔާ ވަޑައިގަންނަވާނީ މިރޭ 9 ޖަހާއިރުއެވެ. އިންތީގެ ޓީމު މާލެއިން އައްޑޫއަށް އައުމަށް ފުރާފައިވާ އިރު އެޓީމުގައި އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ހަސަން ލަޠީފު އާއި އުނގޫފާުރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުގެ އިތުރުން ކުރީގެ އެމްޑީޕީ އައްޑޫ ސިޓީ ރައީސް އަހުމަދު އަދުހަމް ހިމެނިވަޑައިގަންނަވައެވެ.

މިފަހަރުގެ އިންތިހާބުގެ ކެމްޕެއިން ފެށިފައިވާ އިރު ދެ ކެންޑިޑޭޓުންގެ މެދުގައިވެސް ވަނީ ކެމްޕެއިން ފޯރި ގަދަވެ، އެއް ބަޔަކު އަނެއް ބަޔަކަށް ވަރުގަދަ ބަހުގެ ހަމަކާތައް ދަނީ އަމާޒުވަމުންނެވެ.

ފައްޔާޒުގެ ކެމްޕެއިން ޓީމުން މިރޭ ވަނީ މަރަދޫ ބަނދަރު ސަރަހައްދުގައި ކެމްޕެއިން ހަރަކާތެއް ބޭއްވުމަށް ނިންމާފައެވެ. ފައްޔާޒުގެ ޓީމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ބައިވެރިވެވަޑައިގަނެއެވެ.

ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާ އިރު ނިމިގެން ދިޔަ ދައުރުގައިވެސް ޗެއާޕާސަން އިންތިހާބުގައި އެންމެ ގިނަ ބަޔަކު ވޯޓުލާފައިވަނީ އައްޑޫންނެވެ.