Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު އެމްޑީޕީ

ޗެއާޕާސަން އިންތިހާބު: އިންތި އަށް އައްޑޫން ފިނި ތަރުހީބެއް!

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ކެމްޕެއިންއަށް މިއަދު އައްޑޫއަށް ވަޑައިގަތުމުން ފިނި މަރުހަބާއެއް ކިޔައިފިއެވެ.

އިންތި މިއަދު އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ ވަރަށް މަދު ބައެކެވެ. އެމްޑީޕީގެ ބޮޑު މެޖޯރިޓީއެެއް އޮންނަ އައްޑޫން އިންތިއަށް މިވަރުގެ ފިނި ތަރުހީބެއް ލިބިފައިވާ އިރު ކެމްޕެއިންގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހުޅުދޫ މީދޫއަށް ވަޑައިގަތުމުންވެސް އެ ދެ ރަށުންވެސް އިންތިއަށް މަރުހަބާ ދެންނެވުމަށް ނިކުމެފައިވަނީ މަދު ބަޔެކެވެ.

އިންތި އާއި އެކު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަަންޓޭ) ވަނީ އައްޑޫއަށް ވަޑައިގެންފައެެވެ.

މި ފަހަރުގެ ޗެއާޕާސަން އިންތިހާބުގައި އައްޑޫގެ 7 މެމްބަރު ންގެ ތެރެއިން 6 މެމްބަރުން ވަނީ އިންތިއާއި އެކު ޗެެއާޕާސަން މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް (ފައްޔާ) އަށް ތާއިދު ކޮށްފައެވެ.

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް މިރޭ ފައްޔާޒު އިސްމާއިލް އައްޑޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފައްޔާޒު ޓީމުގެ ފަރާތުން ކެމްޕެއިންގެ ފުރަތަމަ ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ މިރޭ މަރަދޫ ބަނދަރު ސަރަހައްދުގައެެވެ.