Last Updated: May 16, 06:08
Thursday, May 16, 2024
ޚަބަރު ޝަރުއީ ދާއިރާ

ބޭންކުން ކަނޑާލި މުވައްޒަފަކަށް ވަޒީފާދޭން ހުކުމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހިންގި ކަމަށްބުނާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވަޒީފާއިން ވަކިކުރި ފާތިމަތު ޝަފްރަތުއަށް އަނބުރާ ވަޒީފާދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލައަކީ ބޭންކް އޮފް މޯލްޑިވްސްގެ ޗެނަލް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޕީ.އޯ.އެސް ބޭންކިންގް ލީޑްގެ މަޤާމުގައި 2007 ވަނަ އަހަރުން ފެށިގެން ވަޒީފާއަދާކުރަމުން އައި ފާތިމަތު ޝަފްރަތު ވަޒީފާއިން ވަކިކުރި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ޝަފްރަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ މައްސައެކެވެ.

ޝަފްރަތު 2019 ވަނަ އަހަރު ވަޒީފާއިން ވަކިކޮށްފައިވަނީ އެބޭންކުގެ އެތެރޭގެ ތަހުގީގަކާ ގުޅިގެންނެވެ. އެ ތަހުޤީޤަކީ ބީއެމްއެލްގައި އެއިރު ވަޒީފާ އަދާކުރަމުންދިޔަ ޝަފްރަތުގެ ފިރިމީހާގެ މައްޗަށް ތުހުމަތުކުރެވުނު ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ކުރެވުނު ތަހްޤީޤެކެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިއީ އެ ބޭންކުގެ މުވައްޒަފުންގެ ފަރާތުން ހިނގައިދިޔަ އެންމެބޮޑު ހިޔާނާތުގެ މައްސަލަކަމަށާއި، މި ހިޔާނާތަކީ 7 މިލިއަން ރުފިޔާގެ ހިޔާނާތެއް ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ ގާތްގަނޑަކަށް ދޮޅު އަހަރުގެ ތެރޭގައި ކަމަށެވެ. ބީއެމްއެލްއިން ކޯޓުގައި ބުނެފައިވަނީ ފާތިމަތު ޝަފްރަތުގެ ފިރިމީހާ ނުހައްގު މުއްސަނދިކަމެއްގައި އުޅެފައިވާކަމަށާއި، އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުތައް ކުރުމާއި ތަނަވަސް ދިރިއުޅުން އުޅެމުންދިޔަ ކަމަށާއި އެ ދަތުރުތައް ކޮށް، އެ ތަނަވަސް ދިރިއުޅުން ފާތިމަތު ޝަފްރަތުވެސް އުޅެފައިވާކަމަށެވެ. އެ ތަހުގީގަށްފަހު 25 ޖޫން 2019 ގައި ބީއެމްއެލްގެ ޑިސިޕްލީނަރީ އެންޑް ގްރީވަންސް ޕޮރޮސީޖަރާ ޝަފްރަތު ޚިލާފުވެފައިވާކަމަށް ބަޔާންކޮށް، ބީއެމްއެލްގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ.

މިމައްސަލައިގައި ޝަފްރަތު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށާއި، ވަޒީފާ އަނބުރާ އިޢާދަކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ އެންމެހައި މުސާރައާއި އިނާޔަތްތައް ލިބިދިނުމަށާއި، ފާތިމަތު ޝަފްރަތު ވަޒީފާއިން ސަސްޕެންޑުކޮށްފައި ވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށްއެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅެމުން އެ ޓްރައިބިއުނަލުން ނިންމާފައިވަނީ، ޝަފްރަތު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ކުރުމަށްފަހުގައި ކަމަށް ބުރަވެވޭކަމަށާއި، އެހެންކަމުން އެދިފައިވާފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި ޝަފްރަތުގެ ފަރާތުން އިސްތިއުނާފުކުރިއިރު، މިމައްސަލައިގައި 02 މާޗް 2022 ވަނަ ދުވަހު ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ބީއެމްއެލްގައި ޝަފްރަތު އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ނޯޓިހެއް ދިނުމެއްނެތިކަން މި މައްސަލައިގެ ކަންހިނގާދިޔަ ގޮތުގެ މައްޗަށް ބެލުމުން އެނގޭ ކަމަށެވެ. އަދި ޝަފްރަތު ބީއެމްއެލްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރީ ޝަފްރަތު ޚިޔާނަތެއްވެފައިވާ ކަމަށް ބަލައި އެކަމުގައި އޭނާގެ މައްޗަށް ތުހުމަތެއް ކޮށްގެން ނޫންކަން، ބީއެމްއެލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށެވެ. ޝަފްރަތު ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި ބީއެމްއެލްއިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބުނެފައިވާ ސަބަބަކީ، ޝަފްރަތުގެ ފިރިމީހާގެ މައްޗަށް ތުހުމަތުކުރެވޭ އިންޓަރނަލް ފްރޯޑްގެ މައްސަލައަކާ ގުޅިގެން، އެ މައްސަލަ ތަހުޤީޤުކުރުމަށްފަހު، ބީއެމްއެލްގެ ސިޔާސަތުތަކާއި، ވަޒީފާގެ އެއްބަސްވުމާ ޝަފްރަތު ޚިލާފުވެފައިވާކަން އެނގެން އޮންނާތީ، ޝަފްރަތު ވަޒީފާގައި އިތުރަށް ބެހެއްޓުމަށް އިތުބާރު ނުކުރެވޭތީކަމަށް ބުނެކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

މިމައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ، ޝަފްރަތު ބީއެމްއެލްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ޚިޔާނަތްތެރިވުމުގެ ތުހުމަތުގައި ނޫން ކަމަށެވެ. އަދި ޝަފްރަތާއި މެދު ބޭންކުގެ ފަރާތުން ތަޙްޤީޤެއް ހިންގަން ޖެހުނީ، ޝަފްރަތުގެ ފިރިމީހާގެ މައްޗަށް ތުހުމަތު ކުރެވުނު ޚިޔާނަތުގެ މައްސަލައަކުން ކަމުގައި ބޭންކުގެ ފަރާތުން ފާހަގަކޮށްފައިވާއިރު އެ ތަޙްޤީޤުން ލިބުނު ނަތީޖާއެއްގެ މައްޗަށް ބިނާކޮށް ޝަފުރަތުގެ ފިރިމީހާ ކުރިކަމަށް ބުނާކަމެއްގައި ޝަފްރަތުގެ ބައިވެރިވުމެއް އޮވެގެން އެފަދަ ކަމެއްގައި ސީދާގޮތުން ވެސް ނުވަތަ ނުސީދާ ގޮތުންވެސް ޝަފްރަތާއި އެ ބުނާ ޚިޔާނަތާއި އޮތް ގުޅުމަކީ ކޮބައިކަން ބީއެމްއެލްގެ ފަރާތުން ހާމަކޮށްދީފައެއް ނުވާ ކަމަށާއި، އެކަމުގެ މައްޗަށް އެއްވެސް ހެއްކެއް ބޭންކުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވެސް ނުވާ ކަމަށެވެ.

މިމައްސަލައިގައި ޝަފްރަތު ބީއެމްއެލްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރި ކުރުމުގެ އަސާސީ ބިނާއެއްކަމަށް ބީއެމްއެލްއިން ބިނާކުރާ އަސާސަކީ، ޝަފްރަތުގެ ނަމުގައި ނަގާފައިވާ ކްރެޑިޓް ކާޑުތަކަށް ޝަފްރަތުގެ ފިރިމީހާ އެކި ފަހަރުތަކުގެ މަތިން ފައިސާ ދައްކާފައިވުމުން އެއީ ބޭންކްގެ އުސޫލުތަކާއި ޚިލާފުކަމެއް ކަމުގައިވާތީ، ބޭންކާއި ޝަފްރަތާއި ދެމެދުގައި އޮތް އިތުބާރު ގެއްލިފައިވާކަމަށް ބުނެއެވެ. ހައިކޯޓުން ބުނެފައިވަނީ ޝަފްރަތުގެ އެކައުންޓަށް އޭނާގެ ފިރިމީހާ ފައިސާ ޖަމާކުރުމުގެ ސަބަބުން ބޭންކަށް އެއްވެސް ގެއްލުމެއް ނުވަތަ ބޭންކުގެ އިތުބާރަށް އަސަރެއް ކުރުމުގެ އިޙުތިމާލެއް ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމަށް ބެލެވެން ނެތް ކަމަށެވެ.

މިމައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ފާތިމަތު ފަރްހީޒާ ތާއީދު ކުރެއްވި ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައި ބުނެފައިވަނީ ޝަފްރަތު ވަޒީފާއިން ވަކިކުރުމަށް ބީއެމްއެލްއިން ބުނެފައިވާ ސަބަބަކީ ނޯޓިހެއް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލުތަކުގެ ތެރޭގައި ހިމެނޭފަދަ އަމަލެއްކަމުގައި ބެލެވެން ނެތް ކަމަށާއި، އަދި އެއީ ޢަދުލުވެރި ސަބަބެއް ނޫންކަމަށެވެ. އެހެންކަމުން ޝަފްރަތު ބޭންކް އޮފް މޯލްޑިވްސް ގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމް ކުރެވިފައިވާކަމަކަށް ނުދެކޭކަމަށެވެ.

މިމައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ، ބީއެމްއެލްގައި ޝަފްރަތު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުމަށް ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ އެހެން ވަޒީފާއެއް 2 މާޗް 2022 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހަމަޖައްސައިދިނުމަށް ބީއެމްއެލްގެ މައްޗަށް އަމުރުކުރާ ކަމަށެވެ. އަދި ޝަފްރަތުގެ ވަޒީފާ އަނބުރާ ރުޖޫރަ ކުރުމުގެ އިތުރުން ބަދަލެއް ލިބުން ހައްޤުކަމުގައި ކަނޑައަޅައި، ތިން މަހުގެ ތެރޭގައި ބަދަލުގެ މިންވަރު ކަނޑައެޅުމުގެ މައްސަލަ ޝަފްރަތުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފިނަމަ، އެ މައްސަލައަކީ ބަދަލުގެ މިންވަރަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެ މައްސަލައެއް ކަމަށް ކަނަޑައަޅައި ހުކުމް ކުރާ ކަމަށެވެ.