Last Updated: April 27, 20:44
Saturday, April 27, 2024
ޚަބަރު ޝަރުއީ ދާއިރާ

ކޯޓުތަކުގައި ކައުންސިލްތަކަށް އަމިއްލަޔަށް ތަމްސީލުކުރެވޭނެ: ސުޕްރީމް ކޯޓު

ބިމާ ގުޅުންހުރި މައްސަލަތަކުގައި ކައުންސިލްތަކަށް އަމިއްލަށް ކޯޓުތަކުގައި ތަމްސީލު ނުކުރެވޭނެ ކަމަށާއި، މިބާވަތުގެ ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރަންޖެހޭނީ ބަންޑާރަނައިބުގެ ފަރާތުން ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

އދ. ފެންފުށީ ބަންޑާރަ ބިމަކާ ގުޅޭ މައްސަލައެއްގައި ހައިކޯޓުން ނިންމާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ލޯކަލް ކައުންސިލްތައް އަމިއްލައަށް ކޯޓުގައި ތަމްސީލު ނުކުރެވޭނެ ކަމަށާއި، ބަންޑާރަބިން ފަދަ ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ކައުންސިލްތައް ކޯޓުގައި ތަމްސީލުކުރަންޖެހޭނީ ބަންޑާރަނައިބުގެ ފަރާތުން ކަމަށެވެ.

މިމައްސަލައިގައި އިއްޔަ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތައް އުފެދިފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދައުލަތް ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ މަސްއޫލިއްޔަތުތަކުގެ ތެރެއިން ޤާނޫނަކުން ކައުންސިލުތަކުގެ އިހްތިސާސްތެރޭގައި ހިމަނާފައިވާ ކަންކަން ކުރުމަށް، ސަރުކާރާ ވަކިން، އަދި ސީދާ ރައްޔިތުން އިންތިހާބުކުރާ މެންބަރުން ހިންގާ މިނިވަން ކައުންސިލްތަކެއްގެ ގޮތުގައި ކަމަށެވެ.

"ބަންޑާރަ ނާއިބަކީ ސަރުކާރުގެ އިސް ޤާނޫނީ ވަކީލުކަމުގައި ވާތީވެ، ބަންޑާރަ ނާއިބުގެ ފަރާތުން ކޯޓުތަކުގައި ކައުންސިލުތައް ތަމްސީލުކުރުމަކީ ކައުންސިލުތަކަށް ދީފައިވާ މިނިވަންކަމާ ފުށުއަރާ އަދި، ބައެއް ފަހަރު ދެފަރާތުގެ މަސްލަހަތުވެސް ފުށު އަރާފާނެ ކަމެކެވެ." ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

އެހެންކަމުން ލޯކަލް ކައުންސިލުތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލުތަކަށް އަމިއްލައަށް ކޯޓުގައި ތަމްސީލުނުކުރެވޭނެ ކަމަށާއި، މި ބާވަތުގެ ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރަންޖެހޭނީ ބަންޑާރަ ނާއިބުގެ ފަރާތުން ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކުރާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވެއެވެ.

މިމައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.