Last Updated: April 29, 17:09
Monday, April 29, 2024
ޚަބަރު ހައި ކޯޓު

އަމުރު "ސަސްޕެންޑްކުރި" ނިންމުން ބާތިލުކޮށްފި

ހައިކޯޓު-- ފޮޓޯ: ނިޝާން އަލީ/މިހާރު

ހައިކޯޓުގެ އަމުރެއް "ސަސްޕެންޑް"ކޮށް ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބޭސްފަރުވާއަށް ދޫކުރުމަށް އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބޭސްފަރުވާ އަށް ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ، 2020 ވަނަ އަހަރު ރާއްޖެއަށް 80 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ ކޮށްފައިވާ ހިތަދޫ މަންދޫބުގޭ ރުޝާން އަހުމަދުދީދީ އެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުތަކަކާއެކު ރުޝާމް ބަންދުން ދޫކޮށްލިއިރު އޭނާ ބަންދުން ދޫކޮށްފައިވަނީ ހައިކޯޓުގެ އަމުރު 90 ދުވަހަށް ސަސްޕެންޑް ކުރުމަށްފަހުއެވެ.

"މިޝަރުތުތަކަށް ދައުވާލިބޭ ފަރާތުން އެއްބަސްވާތީ، ދައުވާލިބޭ ހިތަދޫ މަންދޫބުގެ ރުޝާން އަހްމަދުދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަހަށް ސަސްޕެންޑްކޮށް، މިމުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަންގާ އަމުރުކޮށްފީމެވެ." ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައިވެއެވެ.

މި މައްސަލައިގައި ހައިކޯޓުން އިއްޔަ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ރުޝާން އަޙުމަދުދީދީ ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފާހަގަކޮށްފައިވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، ރުޝާންގެ ފުރާނައަށް ނުރައްކާވާފަދަ ސީރިއަސް ކަމެއް ހުރެގެން ވަގުތުން ދޫކޮށްލަންޖެހޭފަދަ ކަމެއް ސިއްހީ އެއްވެސް ފަރާތަކުން ފާހަގަކޮށް އެފަދަ ލިޔުމެއް ރުޝާނަށް ދީފައިވާކަން އެނގޭކަށްނެތް ކަމަށެވެ.

ހައިކޯޓުން ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަ މިފަދަ މީހެއްގެ ސިއްހީ ހާލަތުގެ މައްޗަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލެވޭނީ ވަރަށް އިސްތިސްނާ ހާލަތްތަކެއްގައި އެމީހެއްގެ ފުރާނައަށް ނުރައްކާވާފަދަ ބައްޔެއް ހުރެގެން ހަމައެކަނި ޟަރޫރަތް ހުއްދަ ކުރާ މިންވަރެއްގެ މައްޗަށްކަން މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދަ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް ބެލުމުން އެނގޭ ކަމަށެވ.

"މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ރުޝާން އަޙުމަދުދީދީ ބަންދުން ދޫކޮށްލެވިފައިވަނީ އެފަދަ ޟަރޫރަތެއް ހިނދުން ހިނދަށް އޮވެގެން ޟަރޫރަތް ހުއްދަކުރާ މިންވަރެއްގެ މައްޗަށް ޟަރޫރަތް ހުއްދަކުރާ މުއްދަތަކަށްކަން ނުވަތަ ނޫންކަން އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ބެލުމުން އެނގޭކަށް ނެތެވެ. އަދި އެފަދަ ޟަރޫރީ ޙާލަތެއް ހިނދުން ހިނދަށް އޮތްކަން ރުޝާން އަޙުމަދުދީދީއަށް ހައިކޯޓުގައި ބުނެދެވިފައިވެސް ނުވެއެވެ." ހައިކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރު ހަސަން ޝަފީއު ތާއީދު ކުރައްވާފައިވާ ފަނޑިޔާރު އަލީ ސަމީރުގެ ރައުޔުގައިވެއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން، ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ރުޝާން ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ދިގުލާފައިވާކަމަށް ބުނެއެވެ. އެގޮތުން ބޭސްފަރުވާގެ ކަންކަމަށް އެއް އަހަރު ހޭދަވެފައިވާކަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މިނުކުތާގައި ހައިކޯޓުން، ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކާ ހަވާލާދީ، ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު މުރާޖާ 30 ދުވަހުން ކުރާގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ލިޔެފައި އޮތުމުގެ މަޤްސަދަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކުގައި އަވަހަށް ގޮތެއް ނިންމުމަށް ބާރުއެޅުން ކަމަށެވެ. މިހެންކަމުން މިފަދަ މައްސަލަތަކުގައި 30 ދުވަހުން 30 ދުވަހުން ބަންދު އަމުރު މުރާޖައާ ކުރުމަށްފަހު، ބަންދުގައި ހުންނަ މީހަކާއި މެދު ގޮތެއް ނިންމަމުން ދިއުން އެއީ އެންމެ އިސްކަމެއްގެ ގޮތުގައި ނުބަލައި މިފަދަ މައްސަލަތަކުގައި އިސްކަން ދޭންޖެހޭނީ އެފަދަ މައްސަލައެއް މައުޟޫއުގައި ބަލައި އަވަސް ކުރުމުގައި ކޯޓަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަމުގެ މައްޗަށް ކަމަށެވެ.

"މައްސަލަ ބައްލަވާ ފަނޑިޔާރަށް މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަލި ހާލަތާއި އެ ހާލަތުގެ ނާޒުކުކަން ހުރި މިންވަރެއް އެނގޭނެއެވެ. މިހެންކަމުން އެކަންކަމުގެ މައްޗަށް ބަލައި ރިއާޔަތްކޮށް އެފަދަ މައްސަލަތަކުގެ މައުޟޫއު އާ މެދު އަވަހަށް ގޮތެއް ނިމިގެން ދިއުން އެއީ އެފަދަ މީހަކަށް ލިބިދެވޭނެ އެންމެ މުހިއްމު ފަރުވާކަމުގައި ދެކެމެވެ." ހައިކޯޓުންގެ ނިންމުމުގައި ބުނެފައިވެއެވެ.

އެހެންކަމުން ހައިކޯޓުން ވަނީ، އެ ކޯޓުގެ އަމުރު "ސަސްޕެންޑް"ކޮށް، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ރުޝާން ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރު ބާތިލުކޮށް، ރުޝާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން ކުރިން ނިންމާފައިވާ ނިންމުން ދެމި އޮތްކަމަށް ކަނޑައަޅާފައެވެ.

ހައިކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

ހައިކޯޓުގެ އަމުރު ސަސްޕެންޑް ކޮށްފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދެވެ. މި މައްސަލައިގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަންނަނީ މެޖިސްޓްރޭޓް ރަފީޢުއްދީން އަހުމަދުގެ ސުލޫކީ މައްސަލައެއް ބަަލަމުންނެވެ.