Last Updated: May 21, 06:06
Tuesday, May 21, 2024
ޚަބަރު ކްރިމިނަލް ކޯޓު

ހަނގުރާމައިން އެނބުރި ގެނައި އާއިލާގެ ބަންދަށް 30 ދުވަސް

ސީރިއާގައި ހަނގުރާމައިގައި ބައިވެރިވި ދިވެހިންތަކެއް--

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށްފަހު ހާލުގައި ޖެހުމުން އެނބުރި ރާއްޖެ ގެނައި އާއިލާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ހަނގުރާމަވެރި ސަރަހައްދެއްގައި ހާލުގައި ޖެހިފައި ތިބި ދިވެހިންތަކެއް ރާއްޖެ ގެންނަކަން ހޯމް މިނިސްޓްރީން ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެގޮތުން ރާއްޖެ ގެނެސްފައިވަނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިންނެވެ.

އެމީހުންގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް އިއްޔަ ގެންގޮސްފައިވާއިރު، އެމީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާއަކީ ހދ. ކުޅުދުއްފުށި އަބާބީލަ، އުމުރުން 31 އަހަރުގެ ހުދާ އަބޫބަކުރެވެ. މީނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔަ ވަނީ 30 ދުވަސް ޖަހާފައެވެ.

އެ އަންހެން މީހާ ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ އޭނާ ސީރިއާގެ އިދްލިބްގައި އުޅެފައި ތުރުކީއަށް ގޮސް ތުރުކީއިން މާލެ އައިސްފައިވާ ކަމަށެވެ. އަދި ބަންދުކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް ބުނެފައިވެއެވެ.

މި އަންހެން މީހާއާ ގުޅޭގޮތުން ފުލުހުން ކޯޓުގައި ބުނެފައިވަނީ، އެ އަންހެން މީހާއަކީ ހަނގުރާމަވެރި ސަރަަހައްދެއްގައި އުޅެފައި އައިސްފައިވާ މީހެއްކަމަށެވެ. އަދި މީނާގެ 15 އަހަރު ނުފުރޭ ހަތަރު ދަރިން ތިބި ކަމަށާއި، އެ ކުދިންވެސް މީހާއާ އެކު މީނާ ބަންދު ކުރާ މަރުކަޒެއްގައި ބަންދުކުރުމަށް ފުލުހުން އެދިފައިވެއެވެ. އެހެންކަމުން ކޯޓުން ވަނީ ހުދާ އަބޫބަކުރާއެކު އޭނާގެ 15 އަހަރު ނުފުރޭ ހަތަރު ދަރިންވެސް ބަންދުކުރުމަށް އަމަލުކޮށްފައެވެ.

ޓެރަރިޒަމް މަނާކުރާކުރުމުގެ ޤާނޫނުގައި ބުނެފައިވަނީ، ހަނގުރާމަވެރި ސަރަހައްދަކަށް ގޮސްފައިވާ ނުވަތަ، އެއިން ސަރަހައްދެއްގައި ހުރެފައި އަނބުރާ ރާއްޖެއައިސްފައިވާ މީހެއްކަމުގައިވާނަމަ އެ މީހަކީ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމާ ނުލައި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެފަދަ މީހެއްކަމުގައި ބަލައި ގިނަވެގެން 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރަންވާނެ ކަމަށެވެ.