Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު ރައީސް ނަޝީދު

ޔޫޓީއެފާ ގުޅޭގޮތުން ޔާމީން ދައްކަނީ ދޮގު ވާހަކަ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުން އަންނަކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޔޫޓީއެފް އެއްބަސްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް 22 ސެޕްޓެމްބަރު 2021 ގައި މަޖިލީހަށް ހުށަހެޅިކަމަށާއި އަދި އެ މައްސަލައިގައި އެދިފައި އޮތީ އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގައި ނުރަކަލެއް ނެތްކަން ކަށަވަރުކުރުމަށް އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ އަސްލު ދިރާސާކޮށް ނުރައްކަލެއް ހުރިތޯ ބަލައިދިނުމަށް ކަމަށެވެ.

މެމްބަރު އާދަމް ޝަރީފް ހުށަހެޅި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދިރާސާކުރުމަށް ހަވާލުކުރެވުނުކަން ފާހަގަކޮށް ރައިސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުންތަކާ ގުޅިގެން ޑިފެންސް މިނިސްޓްރީ އަދި އެމްއެންޑީއެފްގެ ކަމާގުޅުންހުރި ފަރާތްތައް މަޖިލީހަށް ވަޑައިގެން ވަކިވަކި އެއްބަސްވުންތަކާ ބެހޭ ޕްރެޒެންޓޭޝަން ކޮމިޓީގެ މެމްބަރުންނަށް ދެއްވި ކަަމަށެވެ. އަދި މި ބައްދަލުވުންތަކުގައި މެމްބަރު އާދަމް ޝަރީފް އެދިފައިވާ އެއްބަސްވުންތަކުގެ އަސްލު، ކޮމިޓީ މެމްބަރުންނާ ހިއްސާ ކުރެވުނު ކަމަށާއި، އެގޮތުން ސޮއި ކޮށްފައިވާ އެއްބަސްވުންތައް ސްކްރީނުން ދެއްކި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެ އެއްބަސްވުންތަކުގެ ހާޑް ކޮޕީ މެމްބަރުންނަށް ހިއްސާކުރެވިފައި ނުވަނީ އެއްބަސްވުމަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވެފައިވާ އެއްބަސްވުން ކަމަށްވެފައި އެއްބަސްވުމުގެ އެއްވެސް ބައެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެނަމަ، ދެ ގައުމުގެ މަސްލަހަތަށް ބުރޫ އަރާފާނެ ކަމަށް ކޮމިޓީއަށް ފެންނާތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޔޫޓީއެފްގެ އެއްބަސްވުމާ ގުޅޭގޮތުން ކުރީގެ ރައިސް އަބްދުﷲ ޔާމީން، ހަގީގަތާ ހިލާފަށް ވާހަކަ ދައްކަވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ޔޫޓީއެފް އެއްބަސްވުން ދެމިއޮތްހާ ހިނދަކު އެތަނުގެ މިލްކުވެރިފަރާތަކީ އިންޑިއާ ކަމަށާއި، އިންޑިއާގެ މަނަވަރުތަކަށް ރާއްޖޭގެ ސަރުކާރުގެ ހުއްދަ ހޯދުމަކާ ނުލާ އުތުރުތިލަފަޅަށް ދެވޭނެކަމާއި، އުތުރުތިލަފަޅުގައި އަސްކަރީ މަރުކަޒު ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ރައީސް ޔާމީން ވާހަކަ ދައްކާފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"އެހެންނަމަވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކޮށްފައިވާ ދިރާސާއަށްބަލާއިރު، އުތުރުތިލަފަޅު ތަރައްގީ ކުރުމާބެހޭ އެއްބަސްވުމުގެ ދަށުން އެތަނުގައި ގާއިމުކުރެވޭ ފެސިލިޓީތަކާއި، އިންފްރާސްޓްރަކްޗާއާއި، އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއާއި، އެތަނުގައި އިންސްޓޯލް ކުރެވޭ އިކުއިޕްމެންޓް ތަކަކީ ހަމައެކަނި ދިވެހި ދައުލަތުގެ މިލްކެއް ކަމުގައި އެ އެގްރިމެންޓްތަކުގައި ބަޔާން ކޮށްފައިއޮވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝީދު ވިދާޅުވި އެއްބަސްވުންތަކުގެ ދަށުން ހުއްދަ ނުނަގާ އިންޑިއާ މަނަވަރުތަކަށް ރާއްޖެ ނުވަދެވޭނެ ކަމަށާއި، އަދި ހަތިޔާރު އެތެރެ ކުރުމުގެ ހުއްދަ ދީފައިވާކަމަށްބުނެ ދައްކަވާ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަފުޅެއް ކަމަށެވެ.

"ދިވެހި ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުންތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފަށް ވާހަކަދައްކައި ފެތުރުމަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތެރިކަންހުރި އަދި ދިވެހިރާއްޖެއާ ދޭދޭގައުމުތަކާ ދެމެދުގައި އޮންނަ ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމަކށްވާތީވެ، މަޖިލީހުގެ ރައީސްގެ ގޮތުގައި މި ވާހަކަ ތިޔަ އިއްޒަތްތެރި މެމްބަރުންގެ އަރިހުގައި ދަންނަވަންޖެހޭކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު ތިޔަ އިއްޒަތްތެރި މެމްބަރުންގެ އަރިހުގައި ދެންނެވީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޔޫޓީއެފް އެގްރިމެންޓާ ގުޅޭގޮތުން ކުރީގެ ރައިސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ހަރަކާތެރިގެ ތެރެއިން ދެއްކި ވާހަކަތައް ޑިފެންސް މިނިސްޓްރީންވެސް ދޮގު ކޮށްފައިވެއެވެ.