Last Updated: May 17, 11:10
Friday, May 17, 2024
ޚަބަރު ޝަރުއީ ދާއިރާ

ކުއްލި ހާލަތު ނިމުނަސް، އޮންލައިންކޮށް ޝަރީއަތްތައް ބޭއްވޭނެ

ސުޕްރީމް ކޯޓު--

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައިނަމަވެސް ކޯޓުތަކުގައި އޮންލައިންކޮށް ޝަރީއަތްތައް ބޭއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވަނީ، ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިކަން އިޢުލާނުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދު"އަށް ޢަމަލުކުރުން 13 މާރިޗު 2022 ގައި ވަނީ ނިމުމަކަށް އައިސްފައިވާކަމަށެވެ.

ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކޯޓުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީއާތުގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން، އަވަސްކަމާއި ފަސޭހަކަމާއެކު، އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން، ޢަދުލު އިންޞާފަށް ވާސިލުވުމުގެ މަގު ފަހިވެ، ހަލުވިކަމާއެކު ޝަރީޢަތްތައް ހިންގައި މައްސަލަތައް ނިންމުމަށް މަގުފަހިވެފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި، އަދުލު އިންސާފުގެ ހަމަތައް ނުގެއްލޭނެ ގޮތެއްގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި، އަޑުއެހުންތަކާގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށް ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވެއެވެ.