Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު އެމްޑީޕީ

މިނިމަމް ވޭޖަކީ ފައްޔާޒްގެ ބުރަ މަސައްކަތެއް: ޝިފާއު

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިމަމް ވޭޖް ކަނޑައެޅުމަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރެއްވި ބުރަ މަސައްކަތެއްކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި މިނިސްޓަރު ފައްޔާޒްގެ ކެމްޕޭންގައި، މިނިމަމް ވޭޖް ކަނޑައެޅީ ފައްޔާޒް ކަމަށްބުނެ ކެމްޕޭން ކުރާތީ، އެކަމަކީ އެމްޑީޕީގެ މަސައްކަތެއްކަމަށް ބުނެ ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ޝައްމޫން ޖަލީލް (ލޫކަސް) ކުރި ޓްވީޓަކަށް ރައްދުދީއެވެ.

ލޫކަސްގެ ޓްވީޓްގައި ބުނެފައިވަނީ، މިނިމަމް ވޭޖަކީ އެމްޑީޕީ އެޖެންޑާ 19ގެ ސިޔާސަތެއް ކަމަށާއި، އެކަން ފާސްކުރީ އެމްޑީޕީ މެޖޯރިޓީ ރައްޔިތުންގެ މަޖްލީހުން ކަމަށެވެ. މިނިމަމް ވޭޖް ތަންފީޒުކުރީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އެމްޑީޕީ ސަރުކާރުންކަން ފާހަގަކޮށް ލޫކަސް ބުނެފައިވަނީ އެތެރޭގެ އިންތިހާބެއްގެ ވަކި ކެނޑިޑޭޓަކަށް މުޅި ކުރެޑިޓް ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި މިނިމަމް ވޭޖަކީ އެމްޑީޕީގެ ކާމިޔާބީއެއް ކަމަށެވެ.

ލޫކަސްގެ ޓްވީޓަށް ރައްދުދީ ކޮށްފައިވާ ޓްވީޓެއްގައި ޝިފާއު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް މިނިސްޓަރު ފައްޔާޒް ކުރެއްވި މަސައްކަތް މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ދެކުނު ކަމަށެވެ.

"ވަކި ވަޒީރެއް ކުރި ބުރަ މަސައްކަތް ފޮރުވަން އުޅުމަކީ ވަރަށް އައްޗި ކަމެއް. ފައްޔާޒް އަކީ ހިތްވަރުގަދަ ހިންގުންތެރިއެއް." ޝިފާއުގެ ޓްވީޓްގައި ވެއެވެ.

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން ކުރިއަށްދާ ކެމްޕޭނުގެ ފޯރި ގަދަވެފައިވާއިރު، އެ އިންތިހާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާއި މެމްބަރު އިމްތިޔާޒް ފަހުމީއެވެ. މީގެއިތުރުން އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވަނީ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.

މި އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 14 ވަނަ ދުވަހުއެވެ.