Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު ރައީސް ޔާމީން

ރައީސް ޔާމީން ކުރެންދު އަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޅ. ކުރެންދޫއަށް ވަޑައިގަންނަވަން ނިންމައިފިއެވެ.

ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީން މިއަދު ކުރެންދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ޅ. ނައިފަރުގައި ބާއްވާ "އިންޑިއާ އައުޓް" ހަރަކާތުގައިވެސް ބައިވެރިވާނެ ކަމަށެވެ.

ރައީސް ޔާމީން ކުރެންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެރަށު ކައުންސިލް ރައީސްގެ އިންތިހާބުގެ ކެމްޕޭން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ހުންނެވީ ކުރެންދޫގައެވެ.

އެމްޑީޕީން ރޭ ކުރެންދީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ތަސައްވުރަކީ ކުރެންދޫ އުވާލައި މާލެ ކައިރީ އޮތް ހަނަފަސް ބިމަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ޖަމާކުރުން ކަމަށެވެ.

އަދި ނަޝީދު ވިދާޅުވީ ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ޔާމީންގެ ބޭނުންފުޅަކީ ރާއްޖެއާ ބޮޑެތި ގައުމުތަކާ މައްސަލަ އުފައްދައި ނަފްރަތު އުފެއްދުން ކަމަށެވެ.

ރާއްޖެ އިން 2،000 އަހަރުގެ މިނިވަންކަން ހޯދާފައިވަނީ އަވަށްޓެރި ގައުމުތަކާ ގުޅިގެން އުޅެގެން ކަމަށާއި ޔާމީނަށް ވެސް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ޔާމީން ކުރައްވާ މަސައްކަތަކީ ވެރިކަމުގެ ބޭނުމުގައި ރާއްޖެ އަނދަވަޅަކަށް ގެންދިޔުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ރޭގެ ޖަލްސާގައި ވެސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ޕީޕީއެމްގެ މެމްބަރުން ބައިވެރިނުވުމަށް އިލްތިމާސްކުރައްވާފައެވެ.

ކުރެންދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވެފައި ވަނީ އެ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމްޑީޕީގެ ފަރާތުން ކުރެންދޫ ކައުންސިލަށް ވާދަކުރައްވަނީ އަލީ ނަަސީމެވެ. އަދި ޕީޕިއެމްގެ ފަރާތުން ވާދަކުރައްވަނީ އިސްމާއީލް މަދީހެވެ.

މި ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.