Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު އެމްޑީޕީ

ޗެއާޕާސަން އިންތިހާބަކީ ވަޒީރުންގެ މެދުގައި އޮތް މުބާރާތެއް ނޫން: އިންތި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ އިންތިހާބަކީ ވަޒީރުންގެ މެދުަގއި އޮތް މުބާރާތެއް ނޫންކަމަށް އިންތިހާބުގައި ވާދަކުރައްވާ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިފަދައިން ވިދާޅުވެފައިވަނީ ގއ. ދާންދޫއަށް ކެމްޕޭނަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ އިންތިހާބަކީ ކުރިއަށް އޮތް ދޮޅު އަހަރަށް ގުޅިފައިވާ އިންތިހާބެއް ނޫން ކަމަށެވެ.

"މިއީ ވަޒީރުންގެ މެދުގައި ނެގޭ މުބާރާތެއް ނޫން. މިއީ އެމްޑީޕީގެ ޗެއާޕާސަންކަމާ ގުޅިފައިވާ މުބާރާތެއް. އެހެންވީމާ ތިބޭފުޅުން އެގޮތަށް ވިސްނަވާ." އިންތި ވިދާޅުވިއެވެ.

އަބަދުވެސް އިސްކުރާނީ އެމްޑީޕީގެ މަސްލަހަތުކަން ފާހަގަކޮށް އިންތި ވިދާޅުވީ އެމްޑީޕީއަކީ އެންމެ ކާމިޔާބު ޕާޓީކަމަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، އެމްޑީޕީ ބައިބައިކުރުމަށް ބަޔަކު މަސައްކަތްކުރާ ކަމަށާއި، އެޖާގަ ދެވިގެން ނުވާނެކަމަށެވެ. އަދި ރައީސް ނަޝީދާ ނުލާ ކާމިޔާބު ކުރެވޭނެ އިންތިހާބެއްވެސް ނޯންނާނެކަމަށް އިންތި ވިދާޅުވިއެވެ.

"ރައީސް މުހައްމަދު ނަޝީދު މިޕާޓީއަށް ވެވަޑައިގެންނެވި ޤުރުބާނީ، މިޕާޓީ މިއަދާ ހަމައަށްވެސް އެހިފަހައްޓަައި ދެއްވަނީ އެމަނިކުފާނު. ބޮންގޮއްވާލީމަވެސް ޖެހިގެންއޮތް ދުވަހު ނިކުމެ މިޕާޓީ ހިފަހެއްޓުމަށް ނިކުމެވަޑައިގަތީ އެމަނިކުފާނު. އެމަނިކުފާނު ބާކިކޮށް ލިބޭނެ ރިޔާސީ އިންތިހާބެއްވެސް ނޯންނާނެ. ކާމިޔާބު ވާނެ އެއްވެސް ގޮތެއް ނޯންނާނެ." އިންތި ވިދާޅުވިއެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު އިންތި މިހާރު އަންނަނީ ގއ. އަދި ގދ. ގެ ރަށްތަކަށް ދަތުރުކުރައްވާ ދޮރުން ދޮރަށް ހަރަކާތް ހިންގަވަމުންނެވެ.

އިންތިއާ މި އިންތިހާބުގައި ވާދަކުއްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަންނަނީ ތިލަންދުންމަތީގެ ރަށްތަކުގައި ކެމްޕޭން ހަރަކާތް ހިންގަވަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 14 ވަނަ ދުވަހު އެވެ.