Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު އެމްޑީޕީ

"ކީއްވެތޯ ކުޑަ އިރުކޮޅެއް ފަހުން ހެކަރު ޓްވީޓުތައް ޑިލީޓް ކޮށްލީ؟"

މެމްބަރު ހުސައިން ފިރުޝާން، އަލީ ޒާހިރު--

ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވީޓާ އެކައުންޓް "ހެކު"ކޮށްގެން ކޮށްފައިވާ ޓްވީޓްތައް ކުޑައިރުކޮޅެއް ފަހުން ހެކަރު ޑިލީޓް ކޮށްލީ ކީއްވެތޯ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ސުވާލު އުފައްދަވައިފިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވީޓާ އެކައުންޓް މިއަދު ހެނދުނު "ހެކު" ކޮށްފައިވާކަމަށް އަލީ ޒާހިރު ވިދާޅުވެފައިވާއިރު، އަލި ޒާހިރުގެ ޓްވީޓާ އެކައުުންޓުންވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ޝައްމޫން ޖަލީލް (ލޫކަސް) ކުރި ޓްވީޓަކަށް "ހުތުރުކޮށް" ރައްދުދީ ޓްވީޓްކޮށްފައެވެ. އަދި އިތުރު ޓްވީޓަކަށްވެސް ރައްދުދީ ޓްވީޓްކޮށްފައިވެއެވެ.

އަލީ ޒާހިރު ވިދާޅުވީ، އެކައުންޓް "ހެކު" ކުރީ ކަމަށާއި، އެކަން ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

މިކަމުގައި އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއީދުކުރައްވާ މެމްބަރުން އަލީ ޒާހިރަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން މަޑަވެލި ދާއިރާ މެމްބަރު ފިރުޝާން ކުރެއްވި ޓްވީޓެއްވިދާޅުވެފައިވަނީ، އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓަކީ ވެރިފައިޑް އެކައުންޓެއް ކަމަށެވެ. އަދި އެކައުންޓް ރައްކާތެރިކުރެވޭނެ ގޮތްތައް ހުންނާނެކަމަށެވެ.

"ކީއްވެތޯ ކުޑަ އިރުކޮޅެއް ފަހުން ހެކަރު ޓްވީޓުތައް ޑިލީޓް ކޮށްލީ؟ ހަގީގަތް އޮޅުވާލަން އުޅުނަސް ބޮޑުވަރު." ފިރުޝާންގެ ޓްވީޓްގައިވެއެވެ.

ފިރުޝާން ވިދާޅުވީ ހެކަރު ޓްވީޓް ޑްލީޓްކުރުމުން "މާބޮޑަށް އަޖައިބު"ވާ ކަމަށެވެ. މީގެއިތުރުންވެސް ފިރުޝާން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއީ އަދާލަތު ޕާޓީގެ ކަމެއްނޫން ކަމަށާއި އެގޮތަށް ޓްވީޓް ކުރުމަކީ ހުތުރުކަމެއް ކަމަށެެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މިނިސްޓަރު ފައްޔާޒަށް ތާއީދުކޮށް ކޮށްފައިވާ ޓްވީޓެއް ރައީސް އޮފީހުގެ ޓްވީޓާ އެކައުންޓުންވެސް ރިޓްވީޓްކުރި މައްސަލައެއް މިފަހުން ފެންމަތިވިއެވެ. އެފަހަރު ރައީސް އޮފީހުން ބުނެފައިވަނީ އެކަން ހިނގާފައިވަނީ އޮޅިގެން ކަމަށާއި، އެކަމަށް މާފަށް އެދޭކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 14 ވަނަ ދުވަހު އެވެ.