Last Updated: April 28, 15:28
Sunday, April 28, 2024
ޚަބަރު ޝަރުއީ ދާއިރާ

މިރުޒާގެ ގާތިލަށް ވާރިސުން މާފުކޮށްފި

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން--

މަރަން ހުކުމް ކޮށްފައިވާ ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފަށް، ނ. މާޅެންދޫ ވައިޓް ހައުސް އަހުމަދު މިރުޒާގެ ވާރިސުން މާފު ކޮށްފިއެވެ.

މިރުޒާ މަރާލާފައިވަނީ 2011 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ވިލިމާލޭ ޕާކްތެރޭގައި ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން މަރަން ހުކުމް ކޮށްފައިވަނީ މުހައްމަދު ޝިފާއު އާއި އަބްދުﷲ ނަޒީފުގެ މައްޗަށެވެ.

މިރުޒާ މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓާއި ހައިކޯޓުގައިވެސް މިރުޒާގެ ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެ މައްސަލަ ނަޒީފުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ މިރުޒާގެ ބައްޕަގެ ސިޓީއެއް ލިބިފައިވާތީ ވާރިސުންނާއެކު އަޑުއެހުމެއް ބާއްވާ އެ ސިޓީއާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

ނާޒިފަށް މާފުކުރިކަމަށް ބުނާ ސިޓީއާ ގުޅިގެން މިރުޒާގެ ބައްޕަ ކޯޓުގައި ބުނެފައިވަނީ އެއީ ސައްހަ ސިޓީއެއް ކަމަށާއި، މާފު ކުރުމަށް ނިންމީ ނާޒިފުގެ ފަރާތުން އެކަމުގައި ބައްދަލުކޮށް މާފުކުރުމަށް އެދުމުން ކަމަށެވެ. އަދި މިރުޒާގެ ބައްޕަ ގާތިލަށް މާފުކުރުމުން ވާރިސުންގެ ގޮތުގައި ދެންތިބި ތިން މީހުންވެސް ވަނީ މާފުކުރާ ކަމަށް ބުނެފައެވެ.

މިމައްސަލަ ސުޕްރީމް ކޯޓުގައި މިހާރު އޮތީ ހުކުމް ކުރުމާ ހަމައިގައެވެ.

މިރުޒާ މަރާލި މައްސަލައިގައި ތަހުގީގާއި ކްރިމިނަލް ކޯޓުގައިވެސް ނާޒިފް ވަނީ އެ ކުށަށް އިންކާރު ކޮށްފައެވެ.