Last Updated: April 29, 15:08
Monday, April 29, 2024
ޚަބަރު ޝަރުއީ ދާއިރާ

ހުޅުމާލެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރުން: ސިވިލް ކޯޓުގެ ވަގުތީ އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ހައިކޯޓުން ވެސް ތާއިދުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެ މައްސަލަ އެޗްޑީސީގެ ފަރާތުން ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ. ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެތީ މާލޭ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރު މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގައި ހައިކޯޓުން މިއަދު ވަނީ ސިވިލް ކޯޓުގެ ވަގުތީ އަމުރަށް ތާއީދު ކޮށްފައެވެ.

އެޗްޑީސީ އާއި ސިޓީ ކައުންސިލްގެ ދެމެދުގައި ކޯޅުން ބޮޑުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އުޅުމުން ހުއްދަ ނުނަގައި ހުޅުމާލޭގައި ޖަލްސާއެއް ނުބޭއްވޭނެ ކަމަށް އެޗްޑީސީން އެންގި ހިސާބުންނެވެ.

އެޗްޑީސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލުކުރި މައްސަލައިގައި އެލްޖީއޭއިން ވަނީ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމި ނިންމުމަކީ، އެކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށް ނިންމާފައެވެ.