Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ފަތުރުވެރިކަން

83 ރަށެއް ހުއްޓިފައި، މި އަހަރު 14 ރިސޯޓް ހުޅުވަނީ

މިނިސްޓަރު އަބްދުالله މައުސޫމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ އަމާޒަކީ މިއަހަރު 14 ރިސޯޓެއް ހުޅުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ތ. އަތޮޅުގައި ރިސޯޓް ތަރައްގީ ކުރުމަށް ރަށްތައް ދެވި މަސައްކަތް ނުނިމި ދިގުލާތީ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ ސަރުކާރުން ކޮންމެހެން ކުރަން ބޭނުންވާކަމެއް ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ކުރިން ރިސޯޓް ހެދުމަށް ދީފައިވާ ރަށްތައް ނުހެދި ހުއްޓަސް އިތުރު ރަށްތައް ހެދުމުގެ ގޮތުން ތަފާތު ރަށްތައް ޓޫރިޒަމް ތަރައްޤި ކުރުމަށް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އަލަށް ހުޅުވާލި ރަށްތައް ހެދުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ތ. އަތޮޅުގައި ހޯމް ސްޓޭގެ ތެރެއިންވެސް ފަތުރުވެރިކަން ކުރިއަށްގެންދެވޭނެ ގޮތެއް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

މީގެއިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ 2021 ވަނަ އަހަރު 7 ރިސޯޓް ހުޅުވިފައިވާ ކަމަށެވެ. އަދި މިއަހަރު 14 ރިސޯޓް ހުޅުވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، އެއީ ގާތްގަނޑަކަށް 3742 އެނދު ކަމަށެވެ.

އާންމުކޮށް ރިސޯޓެއް ތަރައްގީ ކުރަން 3 އަހަރު ދެވޭކަމަށާއި ފަޅެއް ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަން 5 އަހަރު ދެވޭކަން ފާހަގަކޮށް މިނިސްޓަރު މައުސޫމް ވިދާޅުވީ، އެކި ހާލަތަށް ބަލައި މުއްދަތު އިތުރު ކުރެވޭ ކަމަށެވެ. މިވަގުތު މަސައްކަތް ހުއްޓި، "ގަލު އަޅާފައި" 83 ރަށް އެބަ އޮތްކަމަށްވެސް ވިދާޅުވިއެވެ.

ރިސޯޓްތައް ނުހެދި ލަސްވާ މައްސަލައިގައި މެމްބަރުންގެ ތަކުރާރުކޮށް ސުވާލު ކޮށްފައިވާއިރު، އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެފަދަ ކަންކަމާ ގުޅިގެން ލުއި ދެވެން ހުރިގޮތްތައް ހޯދާ ގަވައިދުތަކަށްވެސް އިސްލާހު ގެންނަމުން އަންނަކަމަށެވެ.