Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު ފަތުރުވެރިކަން

ހަނގުރާމައާ ހެދި ރަޝިޔާ މާކެޓްގެ 70 ޕަސެންޓް ގެއްލިއްޖެ

މިނިސްޓަރު އަބްދުالله މައުސޫމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަޝިޔާ، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެ މާކެޓުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން ރާއްޖޭ އަންނަ ފަތުރުވެރިންގެ އަދަދަށް އަަސަރު ކޮށްފައިވޭތޯއާއި އާ މާކެޓްތަކުން ފަތުރުވެރިން ގެނައުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމަށް މިނިސްޓަރު މައުސޫމް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ރަޝީޔާ މާކެޓް 70 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށާއި، ޔޫކްރެއިން މާކެޓް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ.

މީގެކުރިން ރަޝިޔާ މާކެޓް ރާއްޖޭގެ އެއް ވަނައިގައި އޮތްއިރު، މިހާރު އެއް ވަނައިގައި އޮތީ ޔޫކޭ މާކެޓް ކަމަށާއި، ގަދަ 10 އެއްގެ ތެރޭގައި މީގެކުރިން ޔޫކްރެއިން އޮތްއިރު، ގަދަ 10 އަކުން ޔޫކްރެއިން މާކެޓް ގެއްލިފައިވާކަން ވެސް މިނިސްޓަރު މައުސޫމް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ކައިރި މާކެޓްތަކަށް ބަލަންޖެހޭ ކަމަށާއި، އިންޑިއާ މާކެޓަށް އަނެއްކާވެސް ބަލަންޖެހޭ ކަމަށެވެ. ރާއްޖޭގެ ޕްރޮޑަކްޓް މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑަށް ވިސްނަންވީ ހުރިހާ މާކެޓަކުންވެސް މީހުން އަންނާނެ ގޮތެއް ހޯދުން ކަމަށެވެ.

އަދި އުންމީދަކީ ކުރިން އެއްވަނައިގައި އޮތް ޗައިނާ މާކެޓް މުސްތަގުބަލުގައި ކުރިއަރައިގެން ދިއުންކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. އަދި އިތުރު މާކެޓްތަކަށް، ހުރިހާ ދިމާލަކަށްވެސް މަސައްކަތް ކުރަމުން ދާކަމަށެވެ.