Last Updated: April 29, 21:20
Monday, April 29, 2024
ޚަބަރު ޝަރުއީ ދާއިރާ

މުއްދަތުގެ ފަހުން އިސްތިއުނާފު ކުރުމުން އައްމަޓީ ދޫކޮށްލި މައްސަލަ ބޭރުކޮށްލައިފި

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލި މައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ، އިސްތިއުނާފު ކުރުމަށްލިބޭ މުއްދަތުގެ ފަހުން ކަމަށްބުނެ އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

މިއީ ކްރިމިނަލް ކޯޓުން އައްމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރެވެ. މީގެކުރިން އައްމަޓީ ބަންދުން ދޫކޮށްލި ދެފަހަރު ވެސް އޭނާ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރުންނެވެ.

އައްމަޓީ ދޫކޮށްލި މައްސަލައިގައި ހައިކޯޓުން މިއަދު ބުނެފައިވަނީ ކޯޓު އަމުރުތައް 48 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރަންޖެހޭއިރު، އައްމަޓީ ދޫކޮށްލި މައްސަލަ ޕީޖީން ހުށަހަޅާފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށެވެ.

ހައިކޯޓުން ބުނެފައިވަނީ، ދުވަސް ގުނުމުގައި އެކަމެއް ހިނގާ ދުވަހާއި ނިމޭ ދުވަސް ނުގުނޭނެ ކަމަށް ގާނޫނުގައި އޮތަސް، ގަޑިއިރު ގުނުމުގައި އެފަދަ އުސޫލެއް ގާނޫނުގައި ނެތް ކަމަށާއި، ހައްޔަރު މީހުންގެ ބަންދާ މެދު 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމުމުގައި ވެސް މިހާތަނަށް ކޯޓުތަކުން ގަޑިއިރު ގުނަނީ ހައްޔަރުކުރާ ދުވަސް ހިމަނައިގެން ކަމަށެވެ.

އަދި މުއްދަތުގެ ފަހުން މިމައްސަލަ އިސްތިއުނާފު ކޮށްފައިވާތީ އައްމަޓީ ދޫކޮށްލި މައްސަލައިގައި ޕީޖީން ފާހަގަކުރާ އިޖުރާއީ ނުކުތާތަކަށް އިތުރަށް ބެލޭނެތަނެއް ނެތްކަމަށެވެ.

މިމައްސަލަ ހައިކޯޓުގައި ބަލައިފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެނިކޮށެވެ. އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށެވެ.