Last Updated: April 29, 17:09
Monday, April 29, 2024
ޚަބަރު ޝަރުއީ ދާއިރާ

ޒިޔާދުގެ މައްސަލަ: އިސްތިއުނާފު އަޑުއެހުން މާދަމާ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލި މަގާމުގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކޮށްފައިވާ ޒިޔާދުގެ މައްސަލަ ހައިކޯޓުގައި މާދަމާ ތާވަލުކޮށްފައިވަނީ ހެނދުނު 09:45 ކަށެވެ.

ޑރ. ޒިޔާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާތީ އާއި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިދު ފައިދާއެއް ހޯދާދީފައިވާ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައިގައި ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުއެވެ.