Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު އެމްޑީޕީ

ޕްރައިމަރީއަކާ ނުލާ ރައީސަށް ރިޔާސީ ޓިކެޓް ދޭން ޖެހޭ

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ ރަޝީދު)---

ޕްރައިމަރީއަކާ ނުލާ ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭންޖެހޭ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ ރަޝީދު) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ހަރަކާތެއްގައި ފުވައްމުލަކުގައި ބޭއްވިއިރު، އެ ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ އޭނާ ތާއީދުކުރާ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ، ޕްރައިމަރީ އަކާ ނުލާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ދޭންޖެހޭ ކަމަށެވެ.

އަދި ރަޝީދު ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ހާލަތު މެނޭޖްކުރިގޮތަށް އެކަނި ބަލާފައިވެސް "އެއްވެސް ޝަރުތަކާ ނުލާ" ރައިސް ސޯލިހަށް ދެވަނަ ދައުރުގެ ރިޔާސީ ޓިކެޓް ދޭންޖެހޭ ކަމަށެވެ.

މޭ 14 ގައި ބާއްވާ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އެ އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ.