Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު ޓެރަރިޒަމް

އައިއެސްގެ ޕްރޮޕެގެންޑާ ފަތުރާކަމަށް ތުހުމަތުކުރި ހޫދަށް ދައުވާކޮށްފި

ފޮޓޯ: އަދަދު

ފުލުހުންނާއި، އެމެރިކާގެ އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެ ޤައުމެއްގެ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އައިއެސްގެ ޕްރޮޕެގެންޑާ ފަތުރާކަމަށް ތުހުމަތުކޮށް ރާއްޖެއިން ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އިފީހުން ބުނެފައިވަނީ، ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު، ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަރނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް އުފުލާ ދައުވާތައް އޭޕްރިލް 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ފަސް ދައުވާއެއް ކޮށްފައިވެއެވެ.

އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. އެދައުވާ އުފުލާފައިވަނީ ހޫދު މުހައްމަދު ޒާހިރުގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ އުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލައި، އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ހިއްސާކޮށް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީފައިވާތީއެވެ. މިކުށް ސާބިތު ވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދު ޖަލުހުކުމެއް އަންނާނެއެވެ.

އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުންގެ ދައުވާ އުފުލާފައިވަނީ، އިސްލާމިކް ސްޓޭޓް ޖަމާއަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާއަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވާތީ ކަމަށް ޕީޖީން މައުލޫމާތުދެއެވެ. މި ކުށް ސާބިތު ވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނާނެއެވެ.

މީގެއިތުރުން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ދައުވާވެސް ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވެއެވެ. އެ ދައުވާ އުފުލާފައިވަނީ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީއެވެ. މިކުށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް އަންނާނެއެވެ.

އަދި އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށްފައިވާތީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާވެސް އުފުލާފައިވެއެވެ. މި ކުށުގެ އަދަބަކީ 03 އަހަރާއި 05 އަހަރާ ދެމެދު ޖަލު ހުކުމެކެވެ.

މީގެއިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާވެސް އުފުލާފައިވެއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ 01 އަހަރާއި 03 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވާނެއެވެ.

ޕީޖީން ބުނެފައިވަނީ ހޫދު މުހައްމަދު ޒާހިރުއާ ގުޅޭ މައުލޫމާތު ދިވެހިރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކަމަށެވެ. އަދި މި މައްސަލައިގެ ތަހުޤީޤަށް ބޭރުގެ އެކި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުޤީޤީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.