Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ބޮމުގެ ހަމަލާގައި ފަހުން ހެކި ލިބޭ މީހުންނަށް ދައުވާކުރާނެ: ޕީޖީ

ޕީޖީ ހުސައިން ޝަމީމް--

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އިތުރު ހެކި ލިބޭ މީހުންގެ މައްޗަަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު ގޮތް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިދިޔަ އަހަރުގެ މޭ 6 ވަނަ ދުވަހު މަޖީދީ މަގުގައި ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލައިގެ ތަޙްޤީޤާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ، އެކަމަށް ޤާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، ޤާނޫނުގައި ކަނޑައަޅައިފައި އޮތް އުސޫލުތަކުގެ ތެރެއިންކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މިމައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި މީހަކު އިއުތިރާފު ވެފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށާއި، އޭނާ ޝަރީއަތުގެ މަރްޙަލާގައި އިއުތިރާފުނުވިނަމަވެސް، އޭނާގެ މައްޗަށް ހުށަހެޅި ދައުވާތަކަށް ބާރުދޭނެ ހެއްކާއި ޤަރީނާ ހުރީ ކޯޓަށް ހުށަހެޅިފައިކަމަށެވެ. މިމައްސަލައިގައި ހިމެނޭކަމަށް، ހެކި ހުރެގެން ދައުވާކުރި އެހެން މީހުންގެ ބައިތަކުގައިވެސް، ހުށަހެޅި ދައުވާތަކަށް ބާރުލިބޭ ކާފީ ހެކި ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. ހެކީގެ ތެރޭގައި، އިޢުތިރާފު ބަޔާނުގެ އިތުރުން، ޑީ.އެން.އޭ އެވިޑެންސާއި، މާއްދީ ހެއްކާއި، ސައިންޓިފިކް ހެކިތަކާއި، ޚަބީރުންގެ ބަހާއި، އެނޫންވެސް ހެކިތައް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ބުނެފައިވެއެވެ.

"ޓެރަރިޒަމްގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު ބަދަލުތައް ނިޔާކުރާގޮތުން، ޓެރަރިޒަމްގެ މައްސަލައެއްގައި، ހާދިސާ ހިނގިފަހުންވެސް ހެކި ލިބިއްޖެނަމަ، އެމައްސަލައެއްގައި ދައުވާ ކުރުމަކަށް ހުރަހެއް ނެތެވެ. މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައި ނެތުމަކީ، އޭނާގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރޭނެ ކަމުގެ ޙުއްޖަތެއް ނޫނެވެ. ވީމާ، މިމައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު، ނުވަތަ ހައްޔަރު ނުކުރި ނަމަވެސް، އެމައްސަލައިގައި މިހާރު ކުރިއަށްދާ ތަޙްޤީޤުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު މިއޮފީހުން ގޮތެއް ނިންމާނަމެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޕީޖީ އޮފީހުން ބުނެފައިވަނީ މިމައްސަލަ ދިރާސާ ކުރުމުގެ މަރްޙަލާގައި، މައްސަލައަށް ބޭނުންވާ ވަރަށް، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެން ހުރި ވަޞީލަތްތައް ފުރިހަމައަށް ބޭނުން ކޮށްފައިވާނެއެވެ. އެގޮތުން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި، އިނގިރޭސި ވިލާތާއި، އޮސްޓްރޭލިޔާއާއި، އެހެނިހެން ޤައުމުތަކުގެ ފަންނީ އެހީތެރިކަން މިމަސައްކަތަށް އަބަދުވެސް ލިބެމުން ގޮސްފައިވާ ކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް ހޯދާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.