Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ނަޝީދު "އުފައްދަވާ" ވާހަކަތަކުން "ކޮންފިއުޒް" ވޭ: އިކްރާމް

މެމްބަރު އިކްރާމް ހަސަން، ރައީސް މުހައްމަދު ނަޝީދު--

މިދިޔަ އަހަރުގެ މޭ 6 ވަނަ ދުވަހު މަޖީދީ މަގުގައި، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނު "އުފައްދަވާ" ހަގީގަތާ ހިލާފު ވާހަކަތަކުން "ކޮންފިއުޒް" ވާކަމަށް އެމްޑީޕީއަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިފަދައިން ވިދާޅުވެފައިވަނީ ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު ފާތިހު އޭރު ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކުރި ހަބަރެއް ފޭސްބުކްގައި ހިއްސާކުރައްވައެވެ. ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓެއްކަމަށް ބުނާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފާތިހުއަކީ ފުލުހުންގެ ތެރޭގައި އުޅުނު މީހެއް ކަމަށާއި، އޭނާ ފުލުހުންގެ އިދާރާއިން ވަކިކުރީ ހަމަލާއަށް ފަހު ކަމަށެވެ. އެެހެންނަމަވެސް ފުލުހުން ވަނީ މިވާހަކަތައް ދޮގުކޮށް މިހަމަލާއާ ގުޅިގެން އޭނާ ހައްޔަރުކުރިއިރު އެއީ ފުލުހެއް ނޫން ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން އިކްރާމް އޭނާގެ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއް ބުނެފައިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންބޮޑުވުން ނެތް އަދި ކުށްވެރިނުކުރާ އެއްވެސް މީހަކު މަޖިލީހުގައި އަދި ސަރުކާރުގައި ވެސް ހުންނާނެ ކަމަށް ގުބޫލުނުކުރާ ކަމަށެވެ.

"އެހެން ނަމަވެސް ރައީސް ނަޝީދުއަށް ހީފުޅުވެ ކުރައްވަމުން ގެންދަވާ ތުހުމަތު ތަކުން ދެރަވެ ކަންބޮޑުވޭ އަދި އުފައްދަވާ ހަގީގަތާ ހިލާފު ވާހަކަތަކުން ކޮންފިއުޒްވޭ." އިކްރާމް ވިދާޅުވެފައިވެއެވެ.

އިކްރާމް ވިދާޅުވެފައިވަނީ ފުލުހުންގެ ތެރޭގައި ބަޔަކު ގޯސްތަކެއް ހެދިނަމަވެސް މުޅި މުއައްސަސާގެ އިތުބާރު ގެއްލޭފަދަ ވާހަކަ ވަރަށް ބޮޑަށް ޔަގީންވެ ކަށަވަރު ވެގެން ނޫނީ ދެއްކުމަކީ ޒިންމާދާރު ބޭފުޅަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަަދި އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ހަމަލާއާ ގުޅިގެން ރައިސް ނަޝިދު ހަގީގަތާ ހިލާފު ވާހަކަ އުފައްދަވާތީ ކޮންފިއުޒްވާ ކަމަށް އިކްރާމް ވިދާޅުވިއިރު، ހަމަލާއާ ގުޅިގެން ފަރުވާއަށް ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވި މުއްދަތުގެ ތެރޭގައި އެމަނިކުފާނު ރާއްޖެ ވަޑައިނުގެނެވޭނެ ސަބަބެއް މިހާރު ނެތްކަމަށް ވިދާޅުވެ އިކްރާމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދެއްކެވުމުން ރައީސް ނަޝީދުގެ ވަކީލުން ވަނީ 2021 އޮގަސްޓް 24 ގައި، އެ ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ. އެފަހަރު ރައީސް ނަޝީދުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިކްރާމްގެ އެ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ އަދި "މެމްބަރުގެ ދާއިރާގެ ރައްޔިތުންގެ ތާއީދެއްނެތް، ވިޔާނުދާ ވާހަކަ"ތަކެއް ކަމަށެވެ.