Last Updated: May 2, 15:21
Thursday, May 2, 2024
ޚަބަރު ޝަރުއީ ދާއިރާ

ދަތްއަޅައި އިނގިލި ބުރިކޮށްލި މީހާ އަށް ދައުވާކޮށްފި

އަލީ ހަސަން.

ގއ. ވިލިގިލީއި ގެއަކަށް ވަދެ އެ ގޭ މީހުންނާ މާރާމާރީ ހިންގައި އެކެއްގެ އިނގިލީގައި ދަތް އަޅައި އިނގިލިން ބައެއް ބުރިކުރި މީހާގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ކ. މާލެ، ގ. ޗެރީހައުސް، އަލީ ހަސަން 02 މޭ 2022 ދުވަހުގެ 04:30 ހާއިރު، ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ހުއްދަނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާމެދު މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި، އަލީ ޙަސަންގެ މައްޗަށް ދައުވާ ކުރުމަށް 06 ޖޫން 2022 ގައި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޮށްފައިވާ ދައުވާތައް:

1- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 230 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ.
އަސާސީ އަދަބު: 4 މަހާއި 24 ދުވަސް

2- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ.
އަސާސީ އަދަބު: 1 މަހާއި 6 ދުވަސް

3- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ 02 (ދޭއް) ދައުވާ.
އަސާސީ އަދަބު: ކޮންމެ ދަޢުވާއަކަށް 1 އަހަރާއި 7 މަހާއި 6 ދުވަސް

4- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ.
އަސާސީ އަދަބު: 2 މަހާއި 12 ދުވަސް

ޕީޖީ އޮފީހުން ބުނެފައިވަނީ މީނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދެއްވުން އެދި 07 ޖޫން 2022 ގައި ފޯމް ހުށަހަޅާފައިވާ ކަމަށާއި، އެހެންނަމަވެސް އޭނާގެ ބަނދާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގެ އަޑުއެހުމެއް ކޯޓުން މިހާތަނަށް ތާވާލުކޮށްދެއްވާފައި ނުވާކަމަށެވެ.