Last Updated: May 2, 16:44
Thursday, May 2, 2024
ޚަބަރު ޝަރުއީ ދާއިރާ

ނުކުޅެދޭ މީހަކު ރޭޕްކުރި ދެ މީހަކު 15 އަހަރަށް ޖަލަށް

ހިތަދޫ މެޖިސްޓްރޭޓު ކޯޓު: ފޮޓޯ: އައްޑޫލައިވް

އައްޑޫގައި ނުކުޅެދޭ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ހިމެނޭ ދެ މީހަކަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ޖުލައި 31، 2020 ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫ ހިތަދޫގައި ނަފްސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަޙްލާޤީ އަމަލު ހިންގި މައްސަލާގައި ދެމީހެއްގެ މައްޗަށް ދައުވާ އުފުލި ކަމަށެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީއާއި ހިތަދޫ، ޒަހާމަންޒިލް، އަލީ ޝިމާއު ޒުބައިރުގެ މައްޗަށެވެ.

އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ އެދެމީހުންގެ މައްޗަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ދެމީހުން 15 އަހަރަށް ޖަލަށްލުމަށް 30 ޖޫން 2022 ގައި ހުކުމްކޮށްފައެވެ.