Last Updated: April 29, 18:17
Monday, April 29, 2024
ޚަބަރު ޝަރުއީ ދާއިރާ

ހައިކޯޓުން ވެސް ސިޔާމްގެ ޕާސްޕޯޓް ދުލެއް ނުކުރި

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް-

ސަން ކުންފުނީގެ ވެރިޔާ މައްޝޫރު ވިޔަފާރިވެރިޔާ، މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސިވިލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ނ. އިރުފުށި ތަރައްގީކޮށްފައިވާ އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލްއާ އެކު ހަދާފައިވާ އެއްބަސްވުން ސަން ޓްރެވަލްސް ކުންފުނިން ބާތިލްކުރި މައްސަލާގައި ހިލްޓަން އަށް 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި ސިވިލް ކޯޓުން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ.

ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި މިއަދު ހައިކޯޓުން ކުރި ހުކުމުގެ މެޖޯރިޓީ ރައުޔުގައި ބުނެފައިވަނީ، ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން އެ ނޫން ވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފަހުކަމަށެވެ.

"މި އަމުރާ އެއްގޮތަށް ސިވިލް ކޯޓަށް ފައިސާ ދައްކާފައިނުވާތީ އަޙްމަދު ޝިޔާމް މުޙައްމަދުގެ ޕާސްޕޯޓު 09 ފެބުރުއަރީ 2022 ވަނަ ދުވަހު ސިވިލް ކޯޓުން ހިފަހައްޓާފައިވެއެވެ. ސިވިލް ކޯޓުން މި ފިޔަވަޅު އަޅާފައިވަނީ މި ފައިސާ ހޯދުމަށްޓަކައި މި ޤަޟިއްޔާގެ ތެރެއިން ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހުގައެވެ." ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ތާއީދުކުރެއްވި އިސްފަނޑިޔާރު ހާތިފް ޙިލްމީގެ ރައުޔުގައި ވެއެވެ.

މީގެއިތުރުން ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލު ކުރަންވީ ގޮތުގެ ޤަވާއިދަކީ ޝަރީއަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.1 ގައި ހިމަނާފައިވާ ޤަވާއިދެއްކަމަށްވާތީ، މިހާރު މި ޤަވާއިދަކީ އުވާލެވިފައިވާ ޤަވާއިދެއް ކަމަށެވެ. އެހެންނަމަވެސް މި މައްސަލައަކީ މި ޤަވާއިދު އުވާލުމުގެ ކުރިން އަޅާފައިވާ ފިޔަވަޅަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއްކަމަށްވާތީ، މިކަމުގެ ސަބަބުން އެ ނިންމުން ނިންމި ޤާނޫނީ ބިނާއަށް އަސަރު ނުކުރާނެކަން އެނގޭ ކަމަށެވެ.

އެހެންކަމުން ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސިވިލް ކޯޓުން 09 ފެބްރުއަރީ 2022 ވަނަ ދުވަހު ނެރެފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

މިމައްސަލަ ހައިކޯޓުގައި ބައްޔަލާފައިވަނީ ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، އިސްފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ޙުސައިން ޝަހީދުއެވެ.