Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ރައީސް ނަޝީދު

ބަރުލަމާނީ އަށް ފައްޔާޒްގެ ތާއީދު ވަރަށް ބޭނުން: ނަޝީދު

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ތާއީދު ބޭނުންވާކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ވެރިކަމަށް އައުމަށް ކޯލިޝަން ހަދަންޖެހޭ ކަމަށާއި، އަދި އެގޮތަށް ދިމާވުމުން ވަޒީރުންގެ މަޖިލީހުގެ ބޮޑު ބައެއް ކުދި ޕާޓީތަކަށް ލިބިގެންދާކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މި ދެންނެވި ކުދި ޕާޓީތަކަށް ގޮނޑި ލިބޭ މިންވަރު މަދުކަމަށާއި، އެގޮތަށް ދިމާވުމުން ވެރިކަމުގެ އޮނިގަނޑު ހަރާބުވާ ކަމަށެވެ. އަދި މިހާރު ނިކުންނަ ވެރިކަމުގެ އޮނިގަނޑުގެ މައްސަލަ ހައްލު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރައިސް ނަޝީދު ވިދާޅުވީ، މިހާރު ނިޒާމު އޮތްގޮތުން ކަމެއް ބޮޑުވެގެން ރައްޔިތުން ގުޅަނީ އެ ރައްޔިތުން ވޯޓުދީގެން ހޮވާ މެމްބަރަށް ކަމަށާއި، އެހެންނަމަވެސް ކަން ހިންގަން ތިބި ވަޒީރުންނަކީ އިންތިހާބުވާ ބަޔަކަށް ނުވުމުން ރައްޔިތުންނާ ވަޒީރުންނާ އޮންނަ ގުޅުން ކުޑަވާކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ޖެހިވަޑައިގަންނަވަނީ އެހެންވީމާ ވަޒީރު ބޭފުޅުން އަރިހުގައި ވަރަށް ބޮޑަށް އާދޭސް ދަންނަވަން." ރައީސް ނަޝިދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައިސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސްއިން ފާސްވެގެން މެނުވީ ބަރުލަމާނީ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށާއި، އަދި ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށެވެ. އަދި އެމްޑީޕީ ކޮންގްރެސްގެވެސް އަދި ރައްޔިތުންގެ ތާއީދުވެސް ބަރުލަމާނީ ނިޒާމަށް ލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައިސް ނަޝީދު ވިދާޅުވީ މިކަމުގައި އެމްޑީޕީގެ ކޮންގްރެސްއިން ނިންމާ ގޮތަކަށް އެމަނިކުފާނު ތާއީދުކުރައްވާނެ ކަމަށެވެ.

މީގެއިތުރުން މި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި ޗެއާޕާސަން ފައްޔާޒްގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި މިކަމުގައި އެންމެންގެވެސް ތާއީދު ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒަކީ ކަންކަން ކުރައްވާ ހިންގުންތެރި ބޭފުޅެއް ކަމަށާއި، ފައްޔާޒާއެކު މަސައްކަތް ކުރުމަށް ބޭނުންވާކަމަށެވެ.

"އަޅުގަނޑު މިދަންނަވާހެން އަޅުގަނޑު ހުރިހާ ބޭފުޅުންނާވެސް ވާހަކަ ދައްކަމުން ގެންދަން ބޭނުން. އަދި ހާއްސަކޮށް ފައްޔާޒް އިސްމާއިލް. އަޅުގަނޑު ތަކުރާރު އެބަކުރަން، ފައްޔާޒްއަކީ ކަންތައްތައް ކުރައްވާ ބޭފުޅެއް، އަދި ހިންގުންތެރި ބޭފުޅެއް. އެހެންމަ އެބޭފުޅާއާއެކު މަސައްކަތް ކުރުމަށް އަޅުގަނޑު އެދޭނެ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުވެގެންދާނެ ކަމަށާއި އަދި ފެބްރުއަރީގައި މަޖިލިސް ފެށޭއިރު ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެންނާނެ ކަމަށެވެ. ރައީސް ނަޝީދު އެމަނިކުފާނު އަންދާޒާ ކުރައްވާގޮތް ހިއްސާ ކުރައްވާ ވިދާޅުވީ، މިއަހަރުގެ ތެރޭގައި ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓު ނެގި، ފެބްރުއަރީން ފެށިގެން ބަރުލަމާނީ ނިޒާމު އިންތިގާލީ މަގުން ހިނގަމުން އަންނާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީ އިސްލާހު ކުރެވިފައި އޮތްގޮތަށް ނޮވެމްބަރުގައި ރިޔާސީ އިންތިހާބު ބޭއްވި މަޖިލިސް އިންތިހާބަށްފަހު ބަރުލަމާނީ ފުރިހަމައަށް ހިނގާނެ ކަމަށެވެ.

އެމްޑީޕީ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 19 ވަނަ ދުވަހުއެވެ. ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ "ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ޤަރާރު"އަށް ތާއީދު ކުރައްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއެވެ.