Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު ރައީސް ނަޝީދު

ބަރުލަމާނީ މަޝްވަރާތައް އެމްޑީޕީ ހަރުގޭގައި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމާ ގުޅޭ މަޝްވަރާތައް އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ގެންދަވަން ފައްޓަވައިފިއެވެ.

އެގޮތުން ރޭ އެމްޑީޕީ ހަރުގޭގައި މި ކަމައްޓަކައި ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިރޭވެސް ބަރުލަމާނީ ނިޒާމުގެ މަޝްވަރާ ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އެމްޑީޕީގެ ހަރުގޭގައި ހުންނަވާނެ ކަމަށެވެ. އެ މަޝްވަރާގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ޤަރާރު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާފައެވެ.

ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި ރައީސް ނަޝީދު ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ އެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައިވާ ބޮޑު ވަޒީރު ކަމުގައި ކަނޑައެޅުމަށެވެ. އަދި ދައުކަތުގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށެވެ.

އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި، ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރާންޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެމްބަރުން ތަމްސީލު ވާނެ ގޮތްތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި ޕާޓީއަށް ހާއްސަކުރެވޭ "ނެޝަނަލް ލިސްޓު"ގެ މެމްބަރުން ހިމެނޭ އުސޫލު ޤާނޫނުއަސާސީގައި ކަނޑައެޅުމަށްވެސް ރައީސް ނަޝިދުގެ ގަރާރުގައި ހުށަހަޅާފައިވެއެވެ.

ރައީސް ނަޝީދުގެ ގަރާރުގައި ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި އިތުރަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 މެމްބަރުންނަށްވުރެއް އިތުރު ނުވާނެ ގޮތަށް އަދަދު ހިފެހެއްޓުމާއި، ސަރުކާރު ހިންގާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމުގައި ކަނޑައެޅުމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުން ކަމުގައި ކަނޑައެޅުމަށްވެސް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާގޮތަށް ގެންނަ ބަދަލުތައް ކަނޑައެޅުމަށާއި، ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އަސާސީ ސިފަތައް ޤާނޫނުއަސާސީގައި ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ގަރާރުގައި ހުށަހަޅުއްވާފައިވެއެވެ.