Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ރައީސް ނަޝީދު

ރައްޔިތުން އެދޭ ގޮތް އެނގޭނީ ފެންނަ ނުފެންނަ ވޯޓަކުން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުން އެދޭ ގޮތް އެނގޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން އެދޭ ރަނގަޅު ގޮތް އެނގޭނީ ހަމަ ރައްޔިތުންނަށް ކަމަށެވެ. އަދި އެގޮތް ހޯދޭނީ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ގާތުގައި އެހުމަކީ އެއްވެސް މީހަކަށް އިންކާރު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރެއް އެމްޑީޕީގެ ކޮންގްރެެސްއަށް ހުށަހަޅާފައިވާއިރު، ރައީސް ސޯލިހް ވަނީ އެގަރާރު އަނބުރާ ގެންދިއުމަށް އެދިވަޑައިގަންނަވައިފައިވާކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނު ތާއީދު ކުރައްވަނި ރިޔާސީ ނިޒާމަކަށްކަންވެސް ރައީސް ސޯލިހް ހާމަކުރައްވާފައިވެއެވެ.

ރައީސް ސޯލިހް މިކަން ހާމަކުރެއްވުމާއެކު ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ބައެއް ވަޒީރުން އަންނަނީ އެ ބޭފުޅުން ރިޔާސީ ނިޒާމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

މީގެއިތުރުން ކޯލިޝަން ލީޑަރުންގެ ތެރެއިން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.