Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އެމްއެމްޕީއާރްސީ ހިޔާނާތް: އިތުރު ބަޔަކަށް ދައުވާ ކުރަން ފޮނުވަނީ

އޭސީސީގެ މެމްބަރުން-

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހާމަކޮށްފިއެވެ.

"އައްޑޫލައިވް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ކޮމިއުނިކޭޝަން އޮފިސަރ ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރަމުންދަނިކޮށް އޭސީސީއަށް އެ ތަހުގީގު ބަދަލުކުރުމުން އޭސީސީން އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަކަމަށް އޭސީސީގެ ކޮމިއުނިކޭޝަން އޮފިސަރ ވިދާޅުވިއެވެ. އަދި އަންނަ މަހުގެ މެދެއްހާތަނުގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ މައްސަލައިގައި މީގެކުރިން ތިއްބެވި އޭސީސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން 338 މައްސަލަ ތަހުގީގު ކުރުމަށް ޖޮއިންޓް އިންވެސްޓިގޭޝަނުން ނިންމާފައިވާކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި މި ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ.