Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު ރައީސް ނަޝީދު

ބަރުލަމާނީ ގަރާރު އަނބުރާ ގެންދަން އެއްބަސްވިކަމުގެ އަޑުތަކެއް

ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސްއަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ގޮވާލާ ޤަރާރު އަނބުރާ ގެންދިއުމަށް ރައީސް ނަޝީދު އެއްބަސްވެވަޑައިގެންފައިވާ ކަމަށް އަޑުފެތުރެން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ގަރާރު އަނބުރާ ގެންދިއުމަށް އެއްބަސްވެފައިވަނީ ދެ ރައީސުންގެމެދުގައި، ކޮންގްރެސްގެ ހަވާސާގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ ތެރޭގައެވެ.

ގަރާރު އަނބުރާ ގެންދިޔަކަން ރަސްމީކޮށް އިއުލާނު ނުކުރެއްވިނަމަވެސް، ކޮންގްރެސްގެ ތެރެއިން އެކަން އިއުލާނު ކުރައްވާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ބަރުލަމާނީ ގަރާރަށް ބަހުސް ކުރުމަށް ތާވަލުކޮށްފައިވަނީ މިއަދުއެވެ.

މީގެކުރިން ރައީސް ސޯލިހްވެސް ވަނީ އެ ގަރާރު އަނބުރާ ގެންދިއުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ގަރާރުގައި ފާހަގަކޮށްފައިވާ ވާހަކަތައް

ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި ރައީސް ނަޝީދު ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ، ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ އެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައިވާ ބޮޑު ވަޒީރު ކަމުގައި ކަނޑައެޅުމަށެވެ. އަދި ދައުކަތުގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށެވެ.

އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި، ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ބާރުތަކާއި އަދާކުރާންޖެހޭ މައްސޫލިއްޔަތުތައް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ މެމްބަރުން ތަމްސީލު ވާނެ ގޮތްތަކާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި ޕާޓީއަށް ހާއްސަކުރެވޭ "ނެޝަނަލް ލިސްޓު"ގެ މެމްބަރުން ހިމެނޭ އުސޫލު ޤާނޫނުއަސާސީގައި ކަނޑައެޅުމަށްވެސް ރައީސް ނަޝިދުގެ ގަރާރުގައި ހުށަހަޅާފައިވެއެވެ.

ރައީސް ނަޝީދުގެ ގަރާރުގައި ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި އިތުރަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 މެމްބަރުންނަށްވުރެއް އިތުރު ނުވާނެ ގޮތަށް އަދަދު ހިފެހެއްޓުމާއި، ސަރުކާރު ހިންގާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމުގައި ކަނޑައެޅުމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުން ކަމުގައި ކަނޑައެޅުމަށްވެސް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާގޮތަށް ގެންނަ ބަދަލުތައް ކަނޑައެޅުމަށާއި، ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އަސާސީ ސިފަތައް ޤާނޫނުއަސާސީގައި ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ގަރާރުގައި ހުށަހަޅުއްވާފައިވެއެވެ.