Last Updated: May 7, 21:23
Tuesday, May 7, 2024
ޚަބަރު ކްރިމިނަލް ކޯޓު

ދޫނިދޫ ޖަލުގައި ފުލުހަކަށް ހަމަލާދޭން އުޅުނު މީހަކު 7200ރ އިން ޖުރިމަނާ

ކްރިމިނަލް ކޯޓު --

ދޫނިދޫ ޖަލުގައި ފުލުހަކަށް ހަމަލާދޭން އުޅުނު މީހަކު 7،200 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިމައްސަލައިގައި ދައުވާ އުފުލާފައިވަނީ ދޫނިދޫ ޖަލުގެ ސީ ބްލޮކްގައި ހުރި މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ ގޮޅިން ބޭރަށް އަތް ނެރެ، އެ ވަގުތު ޑިއުޓީގައިހުރި، ޕޮލިސް ކޮންސްޓްބަލްގެ ޓީޝާޓުގެ ކަރުގައި ހިފައި، ޕޮލިސް ކޮންސްޓްބަލްއަށް ހަމަލާދީނުމަށް މަސައްކަތްކޮށްފައިވާތީއެވެ.

މިމައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ގައިގާ އަތްލުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގެ ކުރީކޮޅު ދައުވާ ރައްދުވާ މީހާ ކުށަށް އިންކާރުކުރުމުން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައިވެއެވެ. އެގޮތުން އެރޭ ގޮޅިއަށް ދިޔަ ފުލުހުންގެ ހެކިބަސް ނަގާފައިވެއެވެ. މިމައްސަލައިގައި އޮގަސްޓް 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުވާ ރައްދުވާ ފަރާތުން ވަނީ ކުށަށް އިއުތިރާފުވެފައެވެ.

އެގޮތުން އެދުވަހު ކޯޓުގައި ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ، އެދުވަހު ކަން ހިނގާ ދިޔަގޮތުން ހުރީ ރުޅިއައިސްފައި ކަމަށާއި، އެވަގުތު ޕޮލިސް ކޮންސްޓްބަލް ލައިގެން ހުރި ޓީޝާޓްގެ ކަރުގެ ގިރުއާނުގައި ހިފާފައިވާނެ ކަމަށެވެ.

މިމައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ ވަނީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ކޮށް އެ ޖަލު އަދަބު، 7200 ރުފިޔާއިން ޖުރިމަނާ ކުރުމުގެ އަދަބަކަށް ބަދަލުކޮށްފައެވެ.