Last Updated: April 20, 08:46
Saturday, April 20, 2024
ޚަބަރު ރައީސް ނަޝީދު

ރާއްޖޭގެ ޑިމޮކްރަސީގެ މައި ގެއަކީ މަޖިލިސް: ނަޝީދު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ޑިމޮކްރަސީގެ މައި ގެއަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި، ރާއްޖޭގެ ސިޔާސީ ހަރަކާތުގެ ނާރެހަކީވެސް މަޖިލިސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތާއި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީގެ ދުވަހެއް ފާހަގަކުރަނީ އެންމެންގެ ހިތުގައި ޑިމޮކްރަސީގެ ރޫހު އާލާކޮށް އަށަގެންނެވުމުގެ ބޭނުމުގައި ކަމަށެވެ. ޑިމޮކްރަސީއަކީ ދެނެގެންނަން އުނދަގޫ ފަލްސަފާއެއް ނޫން ކަމަށާއި، އެއީ ވަރަށް ފަސޭހަ ވާހަކައެއް ކަމަށެވެ. ޑިމޮކްރަސީގެ އަމާޒަކީ ރައްޔިތުންގެ ބައިވެރިވުމާއި ރުހުމާއެކީގައި ވެރިކަން ހިންގަމުން ދިއުން ކަމަށާއި ރާއްޖޭގައި އެއީ އެހާ ފަސޭހަ ކަމަކަށް ވެފައި ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ މައި ގެއަކީ ރައްޔިތުންގެ މަޖިލިސްކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ހަރަކާތުގެ ނާރެހައަކީ މަޖިލިސް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މައްސޫލިޔަތަކީ ޤާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުންކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވޭ ބައެއް މަސައްކަތްތައް ވަރަށް ހައްސާސްކަމަކަށް ވެފައިވާކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީ ދުވަހެއް ފާހަގަ ކުރާއިރު މީގެކުރިން ޑިމޮކްރަސީއަށްޓަކައި ތެދުވި ކޮންމެ މީހަކަށް ލިބުނު އަނިޔާއާއި ވޭނުގެ މަތިން ހަނދާންކުރަން ޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޖަލުތަކުގައި ކުރެވުނު އަނިޔާ، އެއީ މިނިވަންކަމުގެ ރޫހަށް މަސައްކަތްކުރި ކޮންމެ މީހަކު ފިއްތުމަށް، އޮބެހެއްޓުމަށް، ހުއްޓުވުމަށް، ކުރަމުން ގެންދިޔަ ނުތާހިރު އަނިޔާތައް، ހުއްޓި އަޅުގަނޑުމެންނަށް ބައިވެރިވުން އޮތް ވެރިމުގެ ނިޒާމެއްގެ ތެރެއިން، އިރާދަކުރެއްވިއްޔާ މި ވެރިކަން ކުރެވެމުން ދަނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

2023 ގައި އަނެއްކާވެސް ރިޔާސީ އިންތިހާބެއް އޮންނާނެކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެ އިންތިހާބަކީ ސުލްހަވެރި ދެފުއްފެންނަ އިންތިހާބަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ އިންތިހާބުގައި ރާއްޖޭގެ ޤާނޫނީ ހަމަތަކުގެ މަތިން ވާދަކުރުމުގެ ފުރުސަތު އެންމެނަށްވެސް އޮންނާނެ ކަމަށާއި، އަދި ރައްޔިތުން ވޯޓުލުމަށް ބޭނުންވާ މީހަކަށް ވޯޓުލުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.