Last Updated: May 6, 21:20
Tuesday, May 7, 2024
ޚަބަރު ޝަރުއީ ދާއިރާ

އަމީނީ މަގުން ގަސް ނެގުން ހުއްޓުވަން އަމުރެއް ނުދިން

އަމީނީ މަގު ތަރައްގީ ކުރުމަށް އެމަގުގައި ހުރި ގަސްތައް ނަގަމުން ގެންދާ ގެންދިއުން ހުޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވޭނެތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

އަމީނީ މަގުގައި ތާރު އެޅުމަށް އެމަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންނެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ. އެ މައްސަލާގައި ވަނީ އަމީނީމަގުގައި ހުރި ގަސްތައް އުފުރަމުންދިއުން ވަގުތުން ހުއްޓުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފަ އެވެ.

ގާޒީ މަރިޔަމް ވަހީދު ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ގަޟިއްޔާގައި ގާއިމުކޮށްފައިވާ ވަގުތީ އަމުރުތައް ނެރުމުގައި ފުރިހަމަވާންޖެހޭ އާންމު ޝަރުތުތައް މި މައްސަލައިގައި ފުރިހަމަވޭތޯ ބަލާއިރު ؛

1- ވަގުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެފައި ނުވާކަމަށާއި،
2- ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫއީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ އިއާދަނުކުރެވޭނެފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާންޖެހޭކަން އެނގެން ނެތްކަމަށާއި،
3- ވަގުތީ އަމުރަށް އެދޭ ފަރާތަކީ މިއަމުރަށް އެދުމުގެ ޞިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ބެލެވެން ނެތްކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާކަމަށެވެ.