Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ރައީސް ޔާމީން

ޝަރުއީ ނިޒާމުގެ ކަންކަން ހިންގަނީ އެމްޑީޕީ މީހުންގެ ލޯ ފާމުން: ޔާމީން

މިހާރު ޝަރުއީ ނިޒާމުގެ ކަންކަން ހިންގަމުން އަންނަނީ އެމްޑީޕީގެ އިސް ހަތަރު މީހެއްގެ ލޯ ފާމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އައްޑޫ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، އަދުލުވެރިކަން ގާއިމުކުރާނެ ކަމަށްބުނެ ވެރިކަމަށް އައިމީހުން މިހާރު އަމަލުކުރަމުން އަންނަ ގޮތާމެދު ސުވާލު އުފެދޭ ކަމަށެވެ.

"މިއަދުގެ ޝަރުއީ ނިޒާމުގެ ހިނގާ ކަންތައްތައް އެ ހިނގަނީ އެމްޑީޕީގެ އިސްސަފުގަ ތިއްބެވި ހަތަރު ބޭފުޅުންގެ ލޯ ފާމުން." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިހާލަތުގައި ކަންކަން ހުރުމުން މިސަރުކާރަށް އަދުލުއިންސާފުގެ ކަންކަމާވެސް ނުބެހެވޭ ކަން އެނގޭ ކަމަށެވެ.

އަދުލުއިންސާފުގެ ދާއިރާ ޖަވާބުދާރީ ކުރުވަން އޮތްތަނަކީ ޖޭއެސްސީކަން ފާހަގަކޮށް ޔާމީން ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން ދެއްކެވި ވާހަކަމަތިން މިހާރު ހަނދާން ނެތްކަމަށެވެ. އަދި ޖޭއެެސްސީ މިހާރު ކުރިއަށްވުރެއް ބާރުގަދަކޮށް އޮތީ އެމްޑީޕީގެ އަތުގައި ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ހިންގުނު ފުރަތަމަ ޝަރިއަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެ ޝަރީއަތް ލައިވް ކުރުމަކީ އެމްޑީޕީން ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އެ ޝާރީއަތް ރައްޔިތުންނަށް ނުފެނި ކުރިއަށްދިޔަނަމަ ސިއްރު ސިއްރުން ހުކުމް ކޮށް ނިންމާލީސް ކަމަށެވެ.

"އެކަމު މިހާރު މައްސަލަތައް ހިނގާގޮތް، ދެފަރާތުން ދައްކާ ވާހަކަ ރައްޔިތުންގެ ދަރުބާރަށް ފެނި ރައްޔިތުން ހުކުމް ކޮށްފި މި މައްސަލަތަކުގަ. އެހެންމަ ދެން ވަރަށް ނުލަފާވެގެން ނޫނިއްޔާ ކުރީގަ ޖިނާއީ ކޯޓުން ކުރިގޮތަށް ހުކުމް ކުރާކަށް ފަސޭހައެއް ނުވާނެ." ޔާމީން ވިދާޅުވިއެވެ.