Last Updated: November 30, 21:25
Wednesday, November 30, 2022
ޚަބަރު ޝަރުއީ ދާއިރާ

ރަޝީދާ ބީއެމްއެލްގެ ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ބެލޭނެ ކަމަށް ހުކުމް ކޮށްފި

ސުޕްރީމް ކޯޓުގައި މިމައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން--

އާމިނަތު ރަޝީދާ، ބޭންކް އޮފް މޯލްޑިވްސްގެ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބެލޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ.

ސ. ހިތަދޫ ނޫރުވާދީ އާމިނަތު ރަޝީދާ ބީއެމްއެލްގެ ކަލެކްޝަން އެންޑް ރިކަވަރީސް މެނޭޖަރ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އެ ވަޒީފާއިން ވަކިކޮށްފައިވަނީ 25 ޖޫން 2019 ގައެވެ. އާމިނަތު ރަޝީދާއަކީ 23 އޮގަސްޓް 1998 އިން ފެށިގެން ބީއެމްއެލްގައި ވަޒީފާ އަދާކުރަމުން އައި ފަރާތެކެވެ.

ވަޒީފާއިން ވަކިކުރުމުން ރަޝީދާވަނީ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލުކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ލިބުމާ ހަމައަށް ލިބެންޖެހޭ މުސާރަ ލިބިދިނުމަށާއި އަދި ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާތީ، މައްސަލަ ހުށަހެޅި ފަރާތް ތަހައްމަލު ކުރަންޖެހުނު ކަންކަމަށް ޝަރީއަތުން އަދުލުވެރި ބަދަލެއް ނަގައި ދިނުމަށް އެދި ބީއެމްއެލްއަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައެވެ. އެހެންނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެ މައްސަލައިގައި ނިންމާފައިވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިބިގެން ނުވާތީ އެ މައްސަލަ ބަލައި ނުގަތުމަށެވެ.

ޓްރައިބިއުނަލުން މިގޮތަށް ނިންމުމުން އާމިނަތު ރަޝީދާގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން 31 ޖެނުއަރީ 2021 ގައި ނިންމާފައިވަނީ އާމިނަތު ރަޝީދާގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ ޓްރައިބިއުނަލުން މައުޟޫއީ ގޮތުން ބަލައި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމަންޖެހޭ މައްސަލައެއް ކަމަށެވެ.

ހައިކޯޓުން މިގޮތަށް ނިންމުމުން ބީއެމްއެލްގެ ފަރާތުންވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާފައިވަނީ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް ހުކުމް ކޮށްފައެވެ.