Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު ޝަރުއީ ދާއިރާ

ފޭރުނުކަމަށް ބުނާ ފުލުހެއްގެ މައްޗަށް ކުށް ސާބިތުނުވި

ޤާނޫނާ ހިލާފަށް ބަންދުކޮށްފައިހުރި ބިދޭސީއަކު ބަންދުން ދޫކުރާނީ ފައިސާ ދިނުމުންކަމަށް ބުނެ، އެ ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުނު ކަމަށްބުނާ ފުލުސް މީހާގެ މައްޗަށް ކުރި ދެ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ 19 އޮކްޓޫބަރު 2019 ގައި ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރަމުންދިޔަ ފުލުހެއްގެ ހައިސިއްޔަތުން، ގދ. ފިޔޯރި ކެކުރި އާސިމު ހަބީބު ތަހުގީގު ކުރަމުންދިޔަ ހަށިވިއްކުމުގެ ވިޔަފާރި ކުރުމުގެ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މީހުން ހުއްޓުވާ ބަލައި ފާސްކުރުމާއި ހައްޔަރުކުރުމުގެ އިޖުރާއަތާ ހިލާފަށް އެ ބިދޭސީ މީހާ ފުލުހުންގެ ބަންދު މަރުކަޒެއްކަމަށްވާ އަތޮޅުވެއްސަށް ގެންގޮސް، އެ ބިދޭސީ މީހާ ޤާނޫނާ އެއްގޮތަށް ހައްޔަރުކޮށްފައި ނެތްކަން އެނގިހުރެ، ބަންދުން ދޫކޮށްލާނީ ފައިސާ ދިނުމުންކަމަށް ބުނެ ބަންދުގައި ބަހައްޓާނެކަމުގެ ބިރުދައްކައިގެން އެ ބިދޭސީ މީހާގެ އަތުން 10،000 ރުފިޔާ ފޭރިގަނެފައިވާ މައްސަލައެކެވެ.

އަދި އޭގެއިތުރުން އެ ބިދޭސީ މީހާ ހައްޔަރުން ދޫކޮށް، ހަމައެރޭ އައިޖީއެމްއެޗް ކައިރިން އެ ބިދޭސީ މީހާގެ އަތުން 20،000 ރުފިޔާ ފޭރެން އުޅުނު ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

މިމައްސަލައިގައި އެ ފުލުސް މީހާގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާއާއި ފޭރެން އުޅުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ޤާނޫނުއަސާސީގައި ބުނެފައިވާ ޝައްކެއްނެތް މިންވަރަށް ޕީޖީއަށް ކުށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ދެ ދައުވާވެސް ސާބިތު ނުވާކަމަށް ކަނޑައަޅައި ހުކުމް ކޮށްފައިވެއެވެ.