Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު ޝަރުއީ ދާއިރާ

މުޖާހިދު ބަންދުން ދޫކޮށްލި އަމުރު ބާތިލުކޮށްފި

އަހުމަދު މުޖާހިދު-

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކޮށްފައިވާ އަހުމަދު މުޖާހިދު ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

މުޖާހިދު ޝަރިއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ މާޗު 9 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ޝަރުތުތަކާއެކު މުޖާހިދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ ނޮވެމްބަރު 23 ވަނަ ދުވަހުއެވެ.

މުޖާހިދު ބަންދުން ދޫކުރީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރަކު ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނަ ކަމަށާއި، ދައުލަތުން މި ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކީގެ ތަބީއަތަށާއި، މުޖާހިދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށާއި ހެކީންގެ ކިބައިން ސާބިތު ކުރަން ހުށަހަޅާފައިވާ ކަންކަމަށާއި އެކަންކަން ސާބިތު ކޮށްދިނުމަށް ފުރުސަތު އޮތް މިންވަރަށް ރިއާޔަތްކޮށް، އިތުރަށް ބަންދުގައި ބެހެއްޓުމުގެ ޝަރޫރަތްތެރިކަމެއް ނެތްކަމަށް ބުނެއެވެ.

މިމައްސަލަ ޕީޖީން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ވަނީ އެ މައްސަލައިގައި ހުކުމް ކޮށްފައެވެ.

އެގޮތުން ހައިކޯޓުގައި ހުކުމުގައި ބުނެފައިވަނީ، މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރަކު ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަށް ނުފެންނަކަމަށް ބަޔާން ކުރި ކުރުމަކީ ތުހުމަތުގައިވާ މީހާ ބަންދު ކުރުމަށް ނުވަތަ ބަންދުން ދޫކުރުމަށް ބެލިދާނެ ޤާނޫނީ ސަބަބެއް ނޫން ކަމަށެވެ. މައްސަލަ ބަލާ ޝެކްޝަނުގައި ދާއިމީ ފަނޑިޔާރުން ތިއްބަވާ ހާލަތުގައިވެސް މައްސަލަތައް ލަސްވެގެން ހިނގައި ދާކަން ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ މައްސަލައެއް ލަސްވުމަކީ، ބަންދުގައި ހުންނަންޖެހޭ މީހަކު ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެއީ ބަންދުގައި ހުންނަން ނުޖެހޭ މީހަކުވެސް ބަންދުކުރަން ޖެހޭ ސަބަބެއްވެސް ނޫން ކަމަށެވެ.

މީގެއިތުރުން ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ މުޖާހިދު ބަންދުގައި ބަހައްޓަން ޖެހޭ ޟަރޫރަތެއް ނެތްކަމަށް ދަށުކޯޓުން ބުނާ ބަހުގެ މާނައަކީ ކޮބާކަމެއް އެނގެން ނެތް ކަމަށެވެ. އެހެންކަމުން މުޖާހިދު ޝަރުތުކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނެގެހެއްޓިދާނެ ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުދެކޭކަމަށް ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވެފައިވެއެވެ.

އެހެންކަމުން ހައިކޯޓުން ވަނީ މުޖާހިދު ޝަތުރުކޮށް ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކޮށް، ޝަރީއަތް ނިމެންދެން މުޖާހިދު ބަންދުކުރުމަށް ނިންމި ނިންމުން ބާތިލުނުވެ އޮތް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ.