Last Updated: May 6, 18:14
Monday, May 6, 2024
ޚަބަރު ޝަރުއީ ދާއިރާ

މަހުފޫޒަށް ދިން ހަމަލާގައި ކުށް ސާބިތެއް ނުވި

ޤާނޫނީ ވަކީލް މަހުފޫޒް ސައީދަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފިއެވެ.

މަހުފޫޒަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ އަހުމަދު ރާއިދު އާއި ޚާލިދު ނަފީއު އާއި ފިރާޒު ޖައުފަރު އަދި ހުސައިން ޝަފްރާޒް އިބްރާޙިމްގެ މައްޗަށެވެ.

މި މައްސަލައިގައި އަހުމަދު ރާއިދު، ޚާލިދު ނަފީއު އަދި ފިރާޒު ޖައުފަރުގެ މައްޗަށް އުފުލާފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ހުސައިން ޝަފްރާޒް އިބްރާޙިމްގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި ހުކުމް ކުރުމަށް ބޭއްވި އަޑުއެހުން މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އެ މައްސަލައިގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ކުރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، މި މައްސަލަ ސާބިތުކުރުމަށް އެންމެ މުހިންމު އެއް ގަރީނާއަކީ، ހަމަލާދިނުމަށް ބޭނުންކޮށްފައިވާ ހަތިޔާރުން ނެގޭ އިނގިލީގެ ނިޝާނުގެ ފިންގަރ ޕްރިންޓް ރިޕޯޓް ކަމަށާއި، އެހެންނަމަވެސް މި މައްސަލައިގައި މިފަދަ ރިޕޯޓެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަމަށެވެ. ޝަރީއަތަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި އިތުރަށް ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓްގައި ސްނެޕް ޝޮޓްތަކުން ދައުވާގައި ބަޔާންކޮށްފައިވާ އަމަލު ހިންގާތަން ފެނިގެނެއް ނުދާކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކަށް ބާރުދޭ އިތުރު ހެއްކާނުލާ ރިޕޯޓުގައިވާ ކަންކަމަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމާމެދު އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

މަހުފޫޒަށް ވަޅިއަކުން ހަމަލާދީފައިވަނީ 2015 ވަނަ އަހަރު ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ. މަހުފޫޒުގެ ބޮލުގެ އަރިމައްޗަށް ވަޅި ހެރުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކަށް އައިޖީއެމްއެޗާއި ސްރީލަންކާގެ ހޮސްޕިޓަލަކުން ފަރުވާ ހޯދާފައިވެއެވެ. މަހުފޫޒުގެ ބޮލުގެ އަރިމައްޗަށް ހެރި ވަޅި ދެ އިންޗި ފުންމިނަށް ވަދެފައިވެއެވެ.