Last Updated: May 7, 09:11
Tuesday, May 7, 2024
ޚަބަރު ޝަރުއީ ދާއިރާ

ގޯތި ދޫކުރުމުގެ މައްސަލަ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ނުބެލޭނެ ކަމަށް ހުކުމް ކޮށްފި

ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން--

މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ އުސޫލުގައި މާލޭގެ ރައްޔިތެއްކަމަށް ބަލާނެގޮތް ކަނޑައަޅާފައިވާ ގޮތާއި، މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ އުސޫލަކީ ޤާނޫނުއަސާސީއާ ގާނޫނުތަކާއި ހިލާފު އުސޫލެއް ކަމަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެންމެ ފުރަތަމަ މަރުހަލާގައި އެ ކޯޓަށް ނުބެލޭނެ ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައިވަނީ ޝިހާދު އިބްރާހީމް އަދި ޙަސަން ފަލާޙްގެ ފަރާތުންނެވެ.

މި މައްސަލަ ހުށަހެޅުމާ ގުޅިގެން މައްސަލަ ރައްދުވާ ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާ މިމައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ފުރަތަމަ މަރުހަލާގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައެވެ. އެހެންނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ އިއުލާނުގައި ބަޔާންކޮށްފައިވާ އުސޫލަކީ ބިމާބެހޭ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ބައެއްކަމަށްވާތީ ހައިކޯޓަށް މި މައްސަލަ ބެލޭނެ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ، ބިންވެރިޔާ އުސޫލަކީ ބިމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވައިދުގެ ބައެއްކަމަށް ބަލަންޖެހޭ ގާނޫނީ ސަބަބެއް ދައުވާކުރާ ފަރާތަށް ދެއްކިފައިނުވާ ކަމަށެވެ. އަދި ކޯޓަށް ހުށަހެޅި އުސޫލަކީ ޤާނޫނާ ގަވައިދަށް ހަވާލާދީފައި ނެތް އެއްޗެއްކަން ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ، ބިންވެރިޔާ އުސޫލާއި އުސޫލާ އެކު ނެރެފައިވާ އިއުލާނަކީ ގާނޫނެއް، ނުވަތަ ގަވައިދެއްގެ ބައެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން މިމައްސަލައިގައި މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، މި މައްސަލައަކީ ހައިކޯޓަށް ފުރަތަމަ މަރުހަލާއިން ބެލޭނެ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

މިމައްސަލަ ހައިކޯޓުގައި ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެންތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.