Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު ޝަރުއީ ދާއިރާ

ޓެރަރިޒަމް އޮޕަރޭޝަން: އައްޑޫއިން ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ބޮމުގެ އިންޒާރަކާ ގުޅިގެން ހިތަދޫގެ ގެއެއް ފުލުހުން ބަލައި ފާސްކުރަނީ - ފޮޓޯ: އައްޑޫލައިވް

އައްޑޫގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެކަކު، އެކަށީގެންވާ ހެކި ނެތުމުން ހައިކޯޓުން މިނިވަން ކޮށްފިއެވެ.

މިދިޔަ މަހު މާލެއާއި އައްޑޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން 14 މީހަކު ހައްޔަރުކުރިއިރު، އެމީހުން އުޅުނީ ގިނަބައެއްގެ ފުރާނަދާފަދަ ހަމަލާއެއް ދޭންކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ސ. މަރަދޫފޭދޫ، އާޒާ، މުޙައްމަދު ޤައިސް އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި މައްސަލަ ހައިކޯޓުގައި ޤައިސްގެ ފަރާތުން އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުން ވަނީ އެ މައްސަލައިގައި ހުކުމް ކޮށްފައެވެ.

އެގޮތުން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މިމައްސަލައިގައި ފުލުހުން ހުށަހެޅިފައިވާ އިންޓެލިޖެންސް ރިޕޯޓަށް ބަލާއިރު މުހައްމަދު ޤައިސްގެ ފަރާތުން ކޮށްފައިވާ ނުވަތަ ކުރަމުންދާ، ކަމަށް ބެލެވޭ އެއްކަމަށް ވުރެ ގިނަ ކަންތައްތައް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މިގޮތުން، މުހައްމަދު ޤައިސްގެ ބެކްގްރައުންޑްގައި ހުރި ތުހުމަތަށް ބުރަދަންދެވިދާނެ ކަންތައްތަކެއް ފާހަގަކޮށްފައިވާއިރު، ކުރިއަށް ރޭވެމުންދާ ހަމަލާއަކާ ގުޅޭ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވާ ކަމަށާއި ހަމަލާއާ ގުޅިގެން ހިންގާފައިވާ ކަމަށް ބެލެވޭ ހަރަކާތްތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި، ހަމަލާދިނުމުގެ ޤާބިލުކަން މުހައްމަދު ޤައިސްގެ ކިބައިގައި ހުރިކަމަށްވެސް އިންޓެލިޖެންސް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް، ރިޕޯޓުގައި ބަޔާންކޮށްފައިވާ މިއިން އެއްވެސް ކަމަކަށް ބާރުދޭ އެންމެ ޤަރީނާއެއް ވެސް ރިޕޯޓާއެކު ހިމެނިފައި ނުވާކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

"މިމައްސަލައިގައި ހުށަހެޅުނު އިންޓެލިޖެންސް ރިޕޯޓުގައި ހިމެނޭ ކަންކަމަށް ބާރުދޭ އެއްވެސް ޤަރީނާއެއް އިންޓެލިޖެންސް ރިޕޯޓާއެކު ހިމެނިފައިނުވާއިރު، ހަމައެކަނި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ބޭނުންވާ އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ." ހައިކޯޓުގެ ހުކުމުގައިވެއެވެ.

އެހެންކަމުން ހައިކޯޓުންވަނީ، އައްޑުއަތޮޅު މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން، މުޙައްމަދު ޤައިސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރަކީ ބާތިލު އަމުރެއްކަމަށް ކަނޑައަޅާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބަލާފައިވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު ދީބަނާޒް ފަހުމީ އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.