Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު އެމްޑީޕީ

އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 28 ގައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 28 ވަނަ ދުވަހު ބާއްވާނެކަން އެޕާޓިން އިއުލާނު ކޮށްފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައެވެ.

އެމްޑީޕީން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ. އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެވެނީ އެބޭފެޅުން ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާއިއެކުއެވެ.

ޕްރައިމަރީގައި ވާދަކުރުމުގެ ފަހު ދުވަހަކީ 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް އެ ޕާޓީން އެކުލަވާލާފައިވާ ޓައިމްލައިނުގައި ވާގޮތުން، 26 ޑިސެމްބަރުގައި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރެވޭނެއެވެ. ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 28 ޑިސެމްބަރުގައި ހުޅުވާލާއިރު 03 ޖެނުއަރީ ގައި ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 10 ޖެނުއަރީ ގައި ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ހުޅުވާލާއިރު 15 ޖެނުއަރީ ގައި ކެންޑިޑޭޓް މަންދޫބުންނަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނެއެވެ.

ރިޔާސީ ޕްރައިމަރީ ބާއްވާ ތާރީހަކީ 28 ޖެނުއަރީ 2023 އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވާފައިވާއިރު ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.

އެންމެފަހުން ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައި އާންމުންގެ ފަރާތަކުން ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނުނަގާ، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އަދި މެނިފެސްޓޯގައި ހުރި ވައުދުތައް ނުފުއްދާ ރިޔާސީ ޕްރައިމަރީއަކަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.